ކުޅުދުއްފުށީގައި ބޭއްވުމަށް ތައްޔާރުވަމުން ދިޔަ އެމްޑީޕީގެ ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.

އެޖަލްސާ އެންމެ ފުރަތަމަ ބާއްވަން ހަމަޖައްސާފައި ވަނީ މިރޭއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ޖަލްސާ ވަނީ މާދަމާ ރޭ ބާއްވަން ނިންމާފައެވެ.

މި ޖަލްސާ އާ ގުޅިގެން މިއަދު އެމްޑީޕީން ބުނީ، މޫސުން ތަންނުދޭތީ މި ހަފްތާގައި ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެޖަލްސާ ބާއްވާނެ ތާރީހަކާއި ދަތުރު ކުރާނެ ދުވަސް ފަހުން ހާމަކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީގައި ބާއްވާ ޖަލްސާއަށް އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެ ޖަލްސާއަށް މާލެއިން ދާން ތިބި އެމްޑީޕީހެ މެންބަރުން ފުރުމަށް ތައްޔާރުވެފައިވާ އިރު، މޫސުން ގޯސްވުމުގެ ސަބަބުން ބާދްޝާހް ބޯޓު ފުރުން ވަނީ ފަސްކޮށްފައެވެ. އަދި މި ޖަލްސާ ކެންސަލް ވި އިރު، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކުޅުދުއްފުއްތަށް ވަޑައިގެންފައެވެ.

އެމްޑީޕީ 20 ވަނަ އަހަރީ ދުވަހަށް ކުޅުދުއްފުށީގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާ އިރު، މި މަހު 18 ވަނަ ދުވަހު "ރަން ރީނދޫ" ދުވުން ނަމުގައި އިވެންޓެއް ވެސް ބާއްވަން ވަނީ ނިންމާފައެވެ.