ޑިންގީއެއްގައި ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލައިފިއެވެ.
ގދ. ގައްދޫ އިން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލިފައި ވަނީ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދެވެ. އެ މީހާ ގައްދޫ އިން ފުރާފައި ވަނީ އިއްޔެ ހެނދުނު 9:30 ގައެވެ، އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެގެ ހަވީރު 17:05 ހާއިރެވެ.
އެމްއެންޑީއެފް އިން ބުނީ، ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުން ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އެގޮތުން މިހާތަނަށް ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އަދި ޒަކަރިއްޔާ ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ވެސް ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.