އެޗްޑީސީގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން "އާބަންސްކޭޕް" ގެ ނަމުގައި ޑިޒައިން މުބާރާތެއް ފަށައިފިއެވެ.

އެޗްޑީސީން ބުނީ، މި މުބާރާތް އެމްއެންޔޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަކީ، ދަރިވަރުންނަށް އާ އާބަން ޑިވެލޮޕްމަންޓް ކޮންސެޕްޓްތައް ދިރާސާކޮށް ހޯދައި، ހުޅުމާލޭއަށް ހާއްސަ ކޮންސެޕްޗުއަލް ޑިޒައިންއެއް ހޯދުމަށް ލިބޭ ފުރުސަތަކަށް ކަމަށެވެ.

މިފަދަ މުބާރާތްތަކަކީ ދަރިވަރުންގެ ހުނަރުވެރިކަން ދައްކުވައިދޭން ލިބޭ ފުރުސަތަކަށް ވެސް ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މި މުބާރާތުގެ ކޮންސެޕްޓަކީ އާބަން ފާނިޗާ ކަމަށެވެ.

މި މުބާރާތުގައި ޖުމްލަ 60 ކުދިން ބައިވެރިވުމަށް ހުށަހަޅާފައިވާއިރު މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ވަނަވަނައަށް ހޮވާ ދަރިވަރުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން ޒުވާނުންނަށާއި އާންމުނަށް ބޭނުންވާ ގިނަ ކަންކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަބަދު ވެސް ކުރަމުންދާ ކަމަށެވެ.

އަދި މިފަދަ މުބާރާތްތައް ވީހާވެސް ގިނައިން ބޭއްވުމަކީ ދަރިވަރުންނަށާއި ޒުވާނުންގެ ހުނަރު ދައްކާލެވޭނެ ފުރުސަތަކަށް ވެގެންދާނެކަމެއް އެކޯޕަރޭޝަނުން ގަބޫލުކުރާ ކަމަށް އެޗްޑީސީން ބުނެއެވެ.