ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ފަރުކޮޅުފުށި ގިނަ ދުވަސްތަކަކަށްފަހު ހަފްލާތައް ބާއްވަން ދޫކުރަން ފަށައިފިއެވެ.
އެޗްޑީސީއިން މިއަދު ބުނީ ކައިވެނި ހަފްލާ އާއި އުފަން ދުވަސް ޕާޓީ އާއި އެހެނިހެން ހަފްލާތައް ބޭއްވުމަށް ފަރުކޮޅުފުށި މިހާރު ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ހަފްލާތަކަށް ފަރުކޮޅުފުށި ކުއްޔަށް ހިފުމަށް އެޗްޑީސީއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.
ފަރުކޮޅުފުށީގައި ބާއްވާ އެކި ހަފްލާތަކާއި އަގުތަކާއި އުސޫލުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް އެޗްޑީސީއިން ބުނެފައިވާއިރު ފަރުކޮޅުފުއްޓަކީ ކޮވިށް ފެސިލިޓީ ހެދުމުގެ ކުރިން އެފަދަ ހަފްލާތަކަށް ދޫކުރަމުން އައި ތަނެކެވެ.
ފަރުކޮޅު ފުއްޓަކީ މާލެއާ ކައިރި ކުރިން ރިސޯޓެއްގެ ގޮތުގައި ވެސް ބޭނުންކޮށްފައިވާ ރަށެކެވެ. އޭގެ ފަހުން އެ ތަން ކޮވިޑް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރިއެވެ.