ޒިމްބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އިންތިޒާމް ކުރުން އެޗްޑީސީއާ ހަވާލުކޮށްފިއެވެ.

މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މުފްތީ މެންކުގެ ދަރުސް އޮންނާނީ މި މަހުގެ 31 ގައި ސިންތެޓިކް ޓްރެކް ސަރަހައްދުގައި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މި މަހުގެ 28 އިން 31 އަށް މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައި ދީނީ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރި 2020 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓަރީގެ ދައުވަތަކަށް މުފްތީ ރާއްޖެ ވަޑައިގަތްފައިވާއިރު އެ ދަތުރުގައި މުފްތީ މެންކް ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައިވެސް ވަނީ ދަރުހެއްދެއްވާފައެވެ.

މުސްލިމުން އިސްލާމްދީނާ ދުރަށް ދިއުމާ ބެހޭގޮތުން ދެއްވާ އެ ދަރުސްގައި ދީނާ ދުރަށް މުސްލިމުން ދިއުމަށް މެދުވެރިވާ ސަބަބުތަކާއި އަނބުރާ ދީނަށް ގެނެވޭނެ ގޮތާ ބެހޭގޮތުން އައްޑޫ ސިޓީގައި ދަރުހެއް ދެއްވާފައިވާއިރު އިސްލާމްދީން މާނަކުރާއިރު މާނަކުރަން ޖެހޭ އަސްލު ގޮތާ ބެހޭގޮތުން ދަރުހެއް ދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ.

މީގެ އިތުރުން އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ މުފްތީ ވަނީ ދެއްވާފައެވެ. 2018 ވަނަ އަހަރު ތެރޭގައިވެސް މުފްތީ ވަނީ ރާއްޖެ ވަޑަައިގެންފައެވެ.