ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށް އެޗްޑީސީއިން ހަރަކާތްތަކެއް ބާއްވައިފިއެވެ.
އެޗްޑީސީއިން ބުނީ ސުކޫލް ބަންދާއި ގުޅިގެން ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށް ރައްކާތެރި މާހައުލެއްގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކާއި އެކު ހާއްސަ ހަރަކާތެއް މިއަދު ބާއްވާފައިވާ ކަމަށާއި އެޗްޑީސީގެ ސީއެސްއާރްގެ ދަށުން މިއަދު ކުރިއަށް ގެންދެވުނު ހަރަކާތް ފަރުކޮޅުފުށި ސަރަހައްދުގައި ކުރިއަށް ގެންދެވުނު އިރު އެ ހަރަކާތުގައި ފިޔަވަތީގެ 80 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށެވެ.
އެ ހަރަކާތުގައި ކުޅިވަރު ކުޅުމުގެ އިތުރުން މޫދު ކުޅިވަރުގެ އެކި ހަރަކާތްތައްވެސް ހިންގާފައިވާއިރު ބާބަކިއު އަކާއިއެކު ހަރަކާތް ވަނީ ނިންމާލާފައެވެ. އަދި އެ ފަދަ އެކި އިވެންޓުތައް ފިޔަވަތީގެ ކުދިންނާއި އެކު ސިލްސިލާކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން އިތުރަށް ބުނީ މީގެ ކުރިންވެސް އެކި ހަރަކާތްތައް ފިޔަވަތީގެ ކުދިންނާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާއިރު އެ ކުދިންނަށް އެހީވުމަށް މި ކޯޕަރޭޝަންގެ މެނޭޖްމަންޓުންނާއި މުވައްޒަފުންގެ އިސްނެގުމުގެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އަމާޒަކީ ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންކަމުގައި އިސްނަގައިގެން މުޖްތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުން ކަމަށްވެސް އެޗްޑީސީއިން ފާހަގަކުރެއެވެ.