ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުންނާއި ބީޗް ފްރަންޓުން ގޯތިގަތުމަށް ޖުމްލަ 82 ފަރާތަކުން ބީލަން ހުށަހަަޅައިފިއެވެ.

ހުޅުމާލެ ބީޗް ފްރަންޓުން ބީލަމުގެ އުސޫލުން ގޯތި ގަތުމަށް އެދި ބީލަން ހުށަހެޅުން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އަދި ހުޅުމާލެ ބީޗް ސައިޑުން ގޯތިގަތުމަށް ބީލަން ހުށަހެޅުން ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެއެވެ.

ހުޅުމާލޭގައި އަލަށް އާބާދުވަމުން އަންނަ ދެ ވަނަ ފިޔަވަހިން 74 ބިމެއް ވިއްކަން ހަމަޖެހިފައިވާ އިރު، މިދިޔަ ދެ ދުވަހު ކުރިއަށް ގެންދިޔަ ބީލަން ހުށަހެޅުމުގެ ބުރު ވަނީ ނިންމާލާފައެވެ. އެޗްޑީސީން ބުނީ، ބީޗް ފްރަންޓުން 27 ފަރާތެއް ބީލަން ހުށަހަޅާފައިވާ ކަަމަށާއި ބީޗް ސައިޑުން ގޯތި ގަތުމަށް 55 ފަރާތެއް ބީލަން ހުށަހަޅާފައިވާ ކަމަށެވެ.

ބިމަށް ބީލަން ހުށަހަޅާ އިރު، ހުށަހެޅޭނެ އެންމެ ދަށް އަގުތައް އެޗްޑީސީން ހާމަކޮށްފައި ވާއިރު، އަތިރިމައްޗާ ކުރިމަތިން (ބީޗް ފްރަންޓް) ބިމަށް އެދޭ އިރު ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 6500 ރުފިޔާއެވެ. އަދި އަތިރިމައްޗާ ކައިރިން (ބީޗް ސައިޑް) ބިމަށް އެދޭ އިރު ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5500 ރުފިޔާއެވެ.

އެގޮތުން ބީލަމަށް ހުށަހަޅާފައިވާ އިރު ބީޗް ސައިޑް އިން އެންމެ މަތީ އަގަކަށް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 6060 ރުފިޔާއެވެ. އަދި ބީޗް ފްރަންޓުން އެންމެ މަތީ އަގަކަށް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 8251 ރުފިޔާއެވެ.

އެޗްޑީސީން އިއުލާން ކޮށްފައި ވަނީ ބީޗު ފްރަންޓުން 22 ބިމާއި، ބީޗު ސައިޑުން 52 ބިމެއް ވިއްކުމަވެ. ބީލަމުގެ އުސޫލުން ހުޅުމާލޭން ވިއްކަން ނިންމާފައި ވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ޖުމްލަ 74 ބިމެވެ. އަދި ބިން ގަތުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެކެވެ.

ބީލަމުގެ އުސޫލުން ގޯތި ގަތުމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހެއެވެ. ހަމައެއާއެކު މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ، ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތް މީހަކަށް ވުން ހިމެނެއެވެ. އަދި ބިމަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނުވުމާއި، އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުން ވެސް ހިމެނެއެވެ. މީގެ އިތުރުން ބީލަމުގައި ބިމެއް ގަނެ، އެހެން ފަރާތެއްގެ ނަން މައްޗަށް ބިން ބަދަލުކޮށްފައި އޮތް ފަރާތަކަށް ވެސް މި ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.