ހުޅުމާލެގައި މުހިންމު 4 މަޝްރޫއުއެއްގެ މަސައްކަތް ކުރުމަށް 4 ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ، މި މަޝްރޫތަކަށް ސޮއިކުރި ކުންފުނިތަކުގެ ތެރޭގައި ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއި، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕަރޭޝަނާއި، ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ) ހިމެނޭ ކަމަށެވެ.

ސޮއި ކުރި ހަތަރު އެއްބަސްވުން:

  • ވޯކާސް ބިލްޑިންގް: ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓް

އެޗްޑީސީން ތަރައްގީކުރާ ވޯކާސް ބިލްޑިންގްއަކީ ރާއްޖޭގެ އެކި ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ގެނެވޭ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި ތަނަވަސް އެކޮމޮޑޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ފެށިގެންދާ މަޝްރޫއުއެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ވޯކާސް ބިލްޑިންގް ފަރުމާކޮށްފައިވަނީ 7000 ލޭބަރުންނާއި 2000 ހޮސްޕިޓަލިޓީ ސްޓާފުން އެކޮމޮޑޭޓް ކުރެވޭ 18 ބްލޮކް ހިމަނައިގެންނެވެ. މީގެ ކޮންމެ ބްލޮކެއްގައި 4 އަދި 6 މީހުންގެ ޖާގައިގެ ކޮޓަރިތަކާއި، ފާހަނާބަރިއަކާއި، ނަމާދުގެ އަދި ފިހާރަ ހިމެނެއެވެ. މި ބިލްޑިންގްގައި ކިޗަން އަދި މެސް ހޯލު އެކަމަށް ހާއްސަކުރެވިފައިވާ ފުލޯތަކުގައި ހުންނާނެއެވެ. އަދި ބަދިގެ، ބޭކަރީ ފުޑް ސްޓޯރޭޖް އާއި މޭސްރޫމްތައްވެސް މި ބްލޮކްގައި ހިމެނެއެވެ. މި ބިލްޑިންގްގެ އޮފީސްތައް 5 ފުލޯއެއްގައި ވަކިވަކިން ހުންނާނެއެވެ. އަދި މިތަނުގައި ސެކިއުރިޓީ ރޫމާއި ކޮންފެރެންސް ހޯލް އަދި މެޑިކަލް ރޫމް ހިމެނެއެވެ.

މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ކަމަށެވެ. އަދި ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖާ ޗިން ޝެންގްވޫއެވެ.

  • އޮޓޯ ސެންޓާ: ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕަރޭޝަން

އެޗްޑީސީން ބުނީ، މި އޮޓޯ ސެންޓަރަކީ ބޭސްމަންޓާއިއެކު 5 ބުރި ހިމެނޭ 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. މި އިމާރާތުގައި 7 ސާވިސް ލިފްޓް ހުރުމާއި ގަރާޖުތަކަށް މި އިމާރާތުން ތަނަވަސް ޖާގަ ލިބިގެންދާނެ ކަމަށެވެ. އެޗްޑީސީގެ ސަސްޓެއިނެބަލް ސިޓީ މޮޑެލްގެ ދަށުން މި އިމާރާތުން ވާރޭފެން ހާވެސްޓް ކުރެވޭނެއެވެ. އަދި އިރުގެ ހަކަތަ ސޯލާ ޕަވަ މި އިމާރާތުގައި ބޭނުންކުރުމުގެ އިތުރުން ކަރަންޓް ކާރުތަކަށް ހާއްސަ ޗާޖިން ސްޓޭޝަން ހުންނާނެއެވެ. އަދި ދުވާލުގެ އަލިކަން ލިބޭނޭހެން ބިލްޑިންގް ފަރުމާކުރެވިފައި ހުރުމުން ހަކަތަ ބޭނުންވާވަރު މި ބިލްޑިންގްގައި ދަށްވާނެއެވެ. މި އިމާރާތުގައި ވޭސްޓް ވޯޓަރ ޓްރީޓްކުރެވި ރިސައިކަލް ކުރެވި ވޭސްޓް ތަރުތީބު އުސޫލުން ސޯރޓްކުރެވި ރައްކާތެރިކަމާއި އެކު ޑިސްޕޯސް ކުރެވޭނެއެވެ.

މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ސޮއިކުރައްވާފައިވާއިރު ޗައިނާ ސްޓޭޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ ޖަންގް ޓާއޯއެވެ.

  • ޕާކިން ބިލްޑިން: ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

އެޗްޑީސީން ބުނީ، މި 24،700 އަކަފޫޓުގެ ޖާގައިގެ ޕާރކިންގް ބިލްޑިންގްގައި 6 ފުލޯ، ބޭސްމެންޓް ޕާކިންއާއިއެކު ހާއްސަ ކޮށްފައިވަނީ ވެހިކަލް ޕާކްކުރުމަށް ކަމަށެވެ. އަދި އިމާރާތުގެ ޓެރެސްގައި އަވިން ހަކަތަ ޖެނެރޭޓްކުރުމަށް ސޯލާ ޕެނެލް ހަރުކުރެވިފައި ހުރުމުގެ އިތުރުން ފުޑްކޯޓެއްވެސް މި ސަރަހައްދުގައި ހިމެނިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި ބިލްޑިންގްއިން ވެލޭ ޕާކިންގްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ހާއްސަ ޕާކިން ހިދުމަތް މި ބިލްޑިންގްގައި ހިމެނިފައިވާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މި މަޝްރޫއުއަށް އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ދަމާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސާލިހެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 24 މަސްދުވަސްތެރޭ ނިންމާލުމަށްވަނީ ހަމަޖެހިފައެވެ.

ޑޭކެއާ ސެންޓާ: އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ)

އެޗްޑީސީން ބުނީ، މި ސެންޓަރަކީ 3000 އަކަފޫޓުގެ ޖާގައިގެ 6 ބުރީގެ އިމާރާތެއް ކަމަށެވެ. އަދި މި ސެންޓަރުން ޒަމާނީ ޑޭކެއާގެ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ ކަމަށާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ހާއްސަ ކްލިނިކްތައްވެސް މި ސެންޓަރުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު އާތިފެވެ. އަދި އޭބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ގާސިމެވެ.