ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން ގޯތިގަތުމަށް ބީލަން ހުށަހެޅުން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެ ބީޗް ފްރަންޓުން ބީލަމުގެ އުސޫލުން ގޯތި ގަތުމަށް އެދި ބީލަން ހުށަހެޅުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައި ކަމަށާއި ބީޗް ސައިޑުން ގޯތިގަތުމަށް ބީލަން ހުށަހެޅުން މާދަމާ ކުރިއަށް ގެންދާނެ ކަމަށެވެ.
ހުޅުމާލޭގައި އަލަށް އާބާދުވަމުން އަންނަ ދެ ވަނަ ފިޔަވަހިން 74 ބިމެއް ވިއްކަން ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން އެޗްޑީސީން ވަނީ ބުނެފައެވެ. އެއީ ބީޗު ފްރަންޓުން ވިއްކާ 22 ބިމާއި، ބީޗު ސައިޑުން ވިއްކާ 52 ބިމެކެވެ. ބީލަމުގެ އުސޫލުން ހުޅުމާލޭން ވިއްކަން ނިންމާފައި ވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ޖުމްލަ 74 ބިމެވެ. އަދި ބިން ގަތުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެކެވެ.
ބީލަމުގެ އުސޫލުން ގޯތި ގަތުމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހެއެވެ. ހަމައެއާއެކު މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ، ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތް މީހަކަށް ވުން ހިމެނެއެވެ. އަދި ބިމަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނުވުމާއި، އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުން ވެސް ހިމެނެއެވެ. މީގެ އިތުރުން ބީލަމުގައި ބިމެއް ގަނެ، އެހެން ފަރާތެއްގެ ނަން މައްޗަށް ބިން ބަދަލުކޮށްފައި އޮތް ފަރާތަކަށް ވެސް މި ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ބިމަށް ބީލަން ހުށަހަޅާ އިރު، ހުށަހެޅޭނެ އެންމެ ދަށް އަގުތައް އެޗްޑީސީން ހާމަކޮށްފައި ވާއިރު، އަތިރިމައްޗާ ކުރިމަތިން (ބީޗް ފްރަންޓް) ބިމަށް އެދޭ އިރު ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 6500 ރުފިޔާއެވެ. އަދި އަތިރިމައްޗާ ކައިރިން (ބީޗް ސައިޑް) ބިމަށް އެދޭ އިރު ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5500 ރުފިޔާއެވެ.