އިންކްލޫސިވް ކޮމިއުނިޓީ އިން ހުޅުމާލޭ އިނީޝިއޭޓިވްގެ ދަށުން، ޑެފް އެސޯސިއޭޝަން އަދި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ބަައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހަފްތާއާ ގުޅުވައިގެން އިއްޔެ މި ހަރަކާތް ބާއްވާފައި ވާ އިރު އެ ހަރަކާތުގައި އެޗްޑީސީގެ މެނޭޖިންގެ ޑިރެކްޓަރު އަހުމަދު އާތިފްގެ އިތުރުން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، ހުޅުމާލެއަކީ އެންމެނަށް ދިރިއުޅެން ފަސޭހަ، ހިތްގައިމު ތަނަކަށް ހެދުމަށް އެ ކުންފުނިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ބައްދަލުވުމުގައި ހުޅުމާލޭގެ ތަރައްގީއަށް އެޗްޑީސީގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމުގައި މިފަދަ އެސޯސިއޭޝަންތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

އިންކްލޫސިވް ކޮމިއުނިޓީ އިން ހުޅުމާލޭ އިނީޝިއޭޓިވްގެ ދަށުން މީގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.