ބަރަހަނާ ފޮޓޯ އާއި މަންޒަރާއި އަދި ބަދުއަހުލާގީ މަންޒަރުތައް ސިފަކޮށްދޭ ގޮތަށް ހުންނަ ބޭއަދަބީ ކޮންޓެންޓް ހިމެނޭ 67 ވެބްސައިޓް އިންޑިއާގައި މަނާކޮށްފިއެވެ.

އިންޑިއާގައި އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުނިތަކަށް އެގައުމުގެ ޓެލްކޮމް އޮތޯރިޓީން ފޮނުވި އީމެއިލް އެއްގައި ބުނެފައި ވަނީ، އަންހެނުންނަށް ކުޑައިމީސް ވާގޮތަށާއި އަދި ނިކަމެތިކަން ލިބޭ ގޮތަށް، މުޅި ހަށިގަނޑު ފެންނަ ގޮތަށާއި، ހަށިގަނޑުން ބައެއް ފެންނަ ގޮތަށް ވިޔަސް މަންޒަރާއި ފޮޓޯ ހިމެނޭ 67 ސައިޓެއް ވަގުތުން ބްލޮކް ކުރުމަށެވެ.

ޓެލެކޮމް އޮތޯރިޓީން އެ ގޮތަށް އެންގީ، ބަރަހަނާ މަންޒަރު ފެންނަ 63 ސައިޓެއް މަނާ ކުރަން ޕޫނޭ ކޯޓުން ނެރުނު އަމުރަކާއި ބަރަހަނާ މަންޒަރު ހިމެނޭ 4 ސައިޓެއް ބްލޮކް ކުރުމަށް އުއްތަރަކާންދް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

އިންޑިއާގައި 2015 ވަނަ އަހަރުވެސް މިބާވަތުގެ 857 ވެބްސައިޓު ބްލޮކް ކުރިއެވެ. އޮންލައިން ވެބްސައިޓްތަކުގެ ތެރެއިން އެންމެ ގިނައިން އިންޑިއާއަށްވެސް އާމްދަނީ ލިބޭ ބަރަހަނާ ވެބްސައިޓްތައް ބަންދު ކުރާ އިރު، ދިވެހިރާއްޖޭގައި އެފަދަ ސައިޓްތައް ބަންދެއް ނުކުރެއެވެ. މީޑިއާނެޓާއި ނެޓްފްލިކްސް އާއި އެމޭޒަން، ޒީ ފަދަ ހިދުމަތްތަކުގެ ރޭންކިންއަށް ބަލާ އިރު ރާއްޖޭގައިވެސް އެންމެ ގިނަ ބަޔަކު ބަލާކަމަށް ފާހަގަ ވަނީ ޕޮނޯގްރަފީއެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ބަލާ ވެބްސައިޓްތައް ލިސްޓް ކުރާ އިރުވެސް އެންމެ މަތިން ފެންނަން ހުންނަނީވެސް ޕޮނޮގްރަޕީ ވެބްސައިޓްތަކެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕޮނޮގްރަފީ މަނާ ކުރި ނަމަވެސް ރާއްޖޭގައި މީޑިއާނެޓްގެ ބައެއް ޗެނަލްތަކުން ބައެއް ފަހަރު ފެންނަ ބޭއަދަބީ މަންޒަރުތަކާއި، ނެޓްފްލިކްސް އިން ފެންނަ ބަރަހަނާ މަންޒަރު އަދި ބޭއަދަބީ މަންޒަރުގެ އިތުރުން، ބަރަހަނާ ވެބްސައިޓްތައް ބްލޮކެއް ނުކުރެއެވެ.

ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ފޮނޯގްރެފިކް އިންޑަސްޓްރީ އަކީ 100 ބިލިއަން ޑޮލަރުގެ އިންޑަސްޓްރީ އެކެވެ. އޭގެ 10 ޕަސެންޓް ހިއްސާ ކުރަނީ އެމެރިކާއެވެ. މުޅި ދުނިޔޭގައި ޕޯން ސައިޓްގެ ގޮތުގައި 25 މިލިއަން ސައިޓް ލިސްޓްކޮށްފައި ވާ އިރު، އެއީ ހުރިހާ ވެބްސައިޓެއް އެއްކޮށްލާނަމަ 12 ޕަސެންޓެވެ. އަދި މުޅި ވެބްގެ 30 ޕަސެންޓް ޓްރެފިކް އުފައްދަނީވެސް ޕޯން ސައިޓު ތަކުންނެވެ. މީގެ އިތުރުން ފިލްމުތަކާއި ޑްރާމާތަކާއި ކާޓޫން ތަކާއި އެނޫންވެސް އެބާވަތުގެ ބޭއަދަބީ މަންޒަރާއި ކޮންޓެންޓް އުފައްދާ ނިސްބަތް ދުނިޔޭގައި ގިނައެވެ.