ހުއްދައަކާ ނުލާ ހުޅުމާލެ މަގުތަކުގައި ބަހައްޓާފައި ހުރި މުދާ 10 ދުވަސްތެރޭގައި ނަގަން އަންގައިފިއެވެ.
އެޗްޑީސީއިން ބުނީ ސިނަމާލެ ބްރިޖާއެކު ހުޅުވުމުން ހުޅުމާލެ މަގުތައް ބޭނުންކުރާ ފަރާތްތައް ކުރިއަށްވުރެ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި ހުޅުމާލޭގެ މަގުތަކަކީ މަގުތައް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ބެލި ބެލުމުން ހުޅުމާލޭގެ އެކި އެކި ސަރަހައްދުތަކުގައި ޕެލެޓްފަދަ ތަކެއްޗާއި ދަގަނޑާއި ބޭނުން ނުކުރެވޭ ވަރަށް ބާވެފައިވާ އުޅަނދުތައް ސިނާއީ ސަރަހައްދުން ބިން ދޫކޮށްފައިވާ ފަރާތްތަކުން އެޗްޑީސީގެ ހުއްދަ އަކާއި ނުލާ މަގުމަތީ ބަހައްޓާފައިވާ އުޅަނދުތަކާއި މުދާތައް ހުރިކަން ފާހަގަކުރެވޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލޭގެ މަގުތައް އަމާން އަދި ރައްކާތެރިތަނަކަށް ހެދުމަށްޓަކައި އެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަމާއި މަގު ބޭނުން ކުރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި އެގޮތަށް މަގުތަކުގައި ބެހެއްޓިފައިވާ ތަކެތި ނެގުމަކީ މުހިއްމު ކަމެއް ކަމަށާއި ހުޅުމާލޭގެ އެކި އެކި ސަރަހައްދުތަކުގެ މަގުތަކުގައި ބެހެއްޓިފައިވާ އެފަދަ ތަކެތި މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 10 ދުވަސްތެރޭގައި ނެގުމަށް އަންގާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ އެޗްޑީސީއިން ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުމަށް އެޗްޑީސީއިން ޒިންމާނުވާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.