ޓެކްނޮލީގެ ދުނިޔޭގައި ވާޗުއަލް ވޯލްޑަކީ ކޮބައިކަން ގިނަ ބަޔަކަށް އެނގޭނެއެވެ. ދުނިޔޭގެ ކުރިއަރާފައި ވާ ބައެއް ގައުމުތަކާ އެއްގޮތަށް ކުރިއަރަމުން އަންނަ ގައުމުތަކުގައިވެސް މަސްނޫއީ ތަފާތު ޓެކްނޮލީ އާއި ރޮބަޓްތައް ބޭނުން ކުރަމުން ދެއެވެ.

ސިއްހީ، އިޖުތިމާއި، އަސްކަރީ ދާއިރާއާއި ހައުސްކީޕީން އަދި އުމްރާނީ ދާއިރާތަކުގައި ވެސް ރޮބަޓާއި އާޓިފިޝަލް އިންޓެލިޖަންސް ބޭނުން ކުރެއެވެ. ޓެކްނޮލީ އާ އެކު ކުރިއަރާ ދާން އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރާ އިރު، މިހާރު އެންމެ ބާރަށް ކުރިއަރަމުން ދަނީ ވާޗުއަލް ދުނިޔެއެވެ. ވާޗުއަލް ދުނިޔެ އަކީ، ދުނިޔޭގެ ތަފާތު ތަންތަނާއި މަންޒަރުތަކާއި އަދި ކަންކަމާ އެއްގޮތް ވާނެހެންނާއި ހިޔާލީ ކަންކަމުގެ މައްޗަށް އަސްލާ އެއްގޮތަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ކުރެހުންތަކެވެ.

މިއަދު ވާޗުއަލް ދުނިޔޭގައި މަގުބޫލުކަން ހޯދަމުން އަންނަ ދެކުނު ކޮރެއާގެ ރޯޒީ އަކީ އެތައް ބަޔަކަށް އެއީ އަސްލެއްތޯ ނުވަތަ ކުރެހުމެއްތޯ އޮޅޭ ފެންވަރަށް ފުރިހަމައަށް އުފައްދާފައިވާ ވާޗުއަލް ކެރެކްޓާއެވެ. ހިނގުމާއި، ހަރަކާތްތަކާއި ބައްޓަމާއި ވަނާތަކާއި އަދި ސިފަތަށް، ޒުވާން އަންހެނަކާ ހަމަ ތަފާތެއް ނެތެވެ.

އެތައް ބަޔަކަށް އޮޅިގެން ރޯޒީގެ ސޯޝަލްމީޑިއާގެ އެކައުންޓްތަކަށް "ހައި" ވެސް ޖަހައެވެ. އެކަމަކު އެހެން ޖަހާހާ މެސެޖަކަށް ޖަވާބު ދެވޭ ވަރަށް ވުރެ ރޯޒީ ބިޒީއެވެ.

https://www.instagram.com/p/CetMRWZh4iZ/?utm_source=ig_web_copy_link

ވާޗުއަލް މަންޒަރުތައް ބޭނުން ކޮށްގެން ތަފާތު އިޝްތިހާރުތައް ކުޅުމާއި އެނޫންވެސް ކަންކަމުގައި ރޯޒީގެ ޑިމާންޑް މިހާރު ވަރަށް ބޮޑެވެ.

ރޯޒީގެ އިންސްޓަގްރާމް އެކައުންޓަގައި މިހާރު 130،000 ފޮލޯވަރުން އެބަތިއްބެވެ. ދެކުނު ކޮރެއާގެ ސިޑަސް ސްޓޫޑިއޯ އެކްސް އިން އުފެއްދި ރޯޒީ އަކީ އާންމު އިންސާނަކަށް ނުކުރެވޭ ކިތަންމެ ކަމެއް ކުރުމުގެ ކުޅަދާކަން ލިބިފައިވާ، އަސްލާ އެއްގޮތް ވާޗުއަލް އުފެއްދުމެކެވެ.

https://www.youtube.com/watch?v=p3i_SzySuDM

މިހާރު ރޯޒީގެ ބޭނުން ކޮށްގެން ބިލިއަން ބިލިއަން ޑޮލަރުގެ ކުންފުނިތަކުން އިޝްތިހާރުތައް ހެދުމުގެ މަސައްކަތް ކުރާ އިރު، އެއިން ކޮންމެ އިޝްތިހާރެއްގައި ހަރަދު ކުރާ ފަރާތްތަކުން ބޭނުން ކޮންމެ ކުަލައެއް، ކޮންމެ ހަރަކާތެއް، ކޮންމެ ނެށުމެއް ދައްކާލުމަކީ ރޯޒީއަށް އެއްވެސް ކަމެއް ނޫނެވެ. ވާޗުއަލް ޓެކްނޮލޮޖީ ބޭނުން ކުރެވޭ ގޮތަށް ހުންނަ ފެޝަން ޝޯ ތަކާއި، ރެސްޓޯރަންޓް ތަކާއި ހޮޓާ ތަކަށްވެސް ރޯޒީއަށް ދެވެއެވެ.

ރޯޒީ ނޫނަސް ދެކުނު ކޮރެއާގައި ވާޗުއަލް އެތައް ކެރެކްޓާއެއް އުފައްދާފައި ވެއެވެ. އެގޮތުން، ލޫސީ، އަޕޯކީ، ލީޗެޓް، ރީނާ، އެޓާނިޓީ، ތިއޯ އަދި ސުއާ އަކީ ފާހަގަކޮށްލެވޭ ކެރެކްޓާތަކެވެ.

ވާޗުއަލް ދުނިޔޭގެ މަގުބޫލުކަން ބޮޑުވަމުން އަންނަ އިރު، ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއް ގޮތަށް ރާއްޖޭގައިވެސް މިހާރު ވާޗުއަލް ދުނިޔެއަށް ދެވޭ ވާޗުއަލް ރިއަލިޓީ ގޭމިގް ސެންޓަރެއް އެބަހުއްޓެވެ.