ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަހަރުގެ ޖޫން މަހު އިފްތިތާހު ކުރި ފެހި ޕްރޮޖެކްޓް ލިބޭ ރަށްތައް އިއުލާން ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އިފްތިތާހު ކުރި ޕްރޮޖެކްޓެއް ކަމަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި ތައާރަފްކުރި ބީއެމްއެލް ފެހި ޕްރޮޖެކްޓް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މި ޕްރޮޖެކްޓް ހިންގުމަށް ކޮންމެ އަހަރަކު 5 ރަށެއް ހޮވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރު ފެހި ޕްރޮޖެކްޓްގެ ދަށުން ހޮވުނު 5 ރަށަކީ:

  1. ނ. މާފަރު
  2. ޅ. ހިންނަވަރު
  3. މ. ދިއްގަރު
  4. ތ. ގުރައިދޫ
  5. ގދ. ގައްދޫ

މި ޕްރޮޖެކްޓްގެ ދަށުން ހޮވޮ ރަށްތަކަށް ރާއްޖޭގައި ހިންގާ ނާސަރީތަކުން ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، މި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށެވެ. މި ގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.