ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ހުޅުމާލެ ސާފުކުރުމުގެ ހަރާކާތް ބާއްވައިފިއެވެ.

"ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން އެޗްޑީސީއިން ދުނިޔެ މަގޭ ކެމްޕޭނުގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު 7 އިން 9 އަށް ކުރިއަށްގެންގޮސްފައިވާއިރު ގިނަ އަދަދެއްގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި ސުކޫލު ކުދިންވެސް ހިމެނެއެވެ.

ނައިބު ރައީސް ފައިސަލް ނަޝީމާއި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން އެ ހަރަކާތުގައި ވެމްކޯއިންނާއި އާރްޑީސީއިން ވެސް ވަނީ ބައިވެރިވެފައެވެ.

މިއަދު ކުރިއަށްދިޔަ ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް/ ފޮޓޯ: މައި ހުޅުމާލެ

ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަހަރުގެ ޖޫން މަހު ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ. އަދި އެ ކޭމްޕޭންގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް "ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެޗްޑީސީއިން ބުނީ އެ ހަރަކާތަކީ މިއަހަރު މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތް ކަމަށެވެ. އަދި ހުޅުމާލެގެ ސާފުތާހިރުކަން ގާއިމްކުރުމަށްޓަކައި އެ ތަނުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.