ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާ 74 ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އެޗްޑީސީން މީގެ ކުރިން ކުރި އިއުލާނުގައި ބުނީ، ހުޅުމާލެއިން ވިއްކާ ގޯތީގެ ބީލަން ފޯމު މިމަހުގެ 15 ގައި ވިއްކާނެ ކަމަށެވެ. އަދި ބީޗް ސައިޑުން ގޯތި ގަތުމަށް ބީލަން ފޯމު ހުށަހަޅަން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ކުރިން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެ މުއްދަތު މިހާރު އިތުރުކޮށްފައިވާއިރު އެޗްޑީސީން ބުނީ، "ބީޗް ފްރަންޓް" އިން ވިއްކާ ބިމަށް ބީލަން ހުށަހެޅުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށެވެ. އަދި "ބީޗް ސައިޑް" އިން ވިއްކާ ބިމަށް ބީލަން ހުށަހެޅުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 09:00 އިން 11:00 އަށެވެ.

ހުޅުމާލޭގައި އަލަށް އާބާދުވަމުން އަންނަ ދެ ވަނަ ފިޔަވަހިން 74 ބިމެއް ވިއްކަން ހަމަޖެހިފައިވާއިރު އެއީ ބީޗު ފްރަންޓުން ވިއްކާ 22 ބިމާއި، ބީޗު ސައިޑުން ވިއްކާ 52 ބިމެކެވެ. ބީލަމުގެ އުސޫލުން ހުޅުމާލޭން ވިއްކަން ނިންމާފައި ވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ޖުމްލަ 74 ބިން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ބިން ގަތުމަށް ހުށަހަލާފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ބީލަމުގެ އުސޫލުން ގޯތި ގަތުމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހެއެވެ. ހަމައެއާއެކު މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ، ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތް މީހަކަށް ވުން ހިމެނެއެވެ. އަދި ބިމަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނުވުމާއި، އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުން ވެސް ހިމެނެއެވެ. މީގެ އިތުރުން ބީލަމުގައި ބިމެއް ގަނެ، އެހެން ފަރާތެއްގެ ނަން މައްޗަށް ބިން ބަދަލުކޮށްފައި އޮތް ފަރާތަކަށް ވެސް މި ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ބިމަށް ބީލަން ހުށަހަލާ އިރު، ހުށަހެޅޭނެ އެންމެ ދަށް އަގުތައް އެޗްޑީސީން ހާމަކޮށްފައި ވާއިރު، އަތިރިމައްޗާ ކުރިމަތިން (ބީޗް ފްރަންޓް) ބިމަށް އެދޭ އިރު ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 6500 ރުފިޔާއެވެ. އަދި އަތިރިމައްޗާ ކައިރިން (ބީޗް ސައިޑް) ބިމަށް އެދޭ އިރު ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5500 ރުފިޔާއެވެ.