ވިލިމާލެ ބޭރުގައި އޮންނަ ވޭލް ސަބްމެރިންގެ ގޭސް ހޮޅިއެއް ގޮވައިފިއެވެ.

ފުލުހުން ބުނީ، ވިލިމާލެއާ ދިމާލުން ބާރު އަޑެއް ގޮވި ކަމަށް މާފަންނު ފުލުހާއި އަދި އައިޖީއެމްއެޗްގެ ޑިއުޓީގައި ހަރަކާތްތެރިވާ ސްޕެޝަލް ކޮންސްޓްބަލުން މިރޭ 9:10 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ އާއެކު ބެލިބެލުމުން އެނގުނީ ސަބްމެރިންގެ 4 ގެސް ސިލިންޑަރެއް ގޮވައިގެން އުޅޭ ކަމަށާއި އެހެންވެ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

ވޭލް ސަބްމެރިން އިން މައުލޫމާތު ދެމުން ބުނީ، ގޮވާ އަޑު އިވިފައި ވަނީ ސަބްމެރިންގެ ގޭސް ފުޅިތަކެއް ނޫން ކަމަށެވެ. ކޮންމެ ރެއަކުވެސް ދަތުރުތައް ނިންމާލުމަށް ފަހު ސަބްމެރިން ގެ ސިލިންޑަރުތަކަށް ގޭސް އަޅާ ކަމަށާއި އެގޮތުން މިރޭ ގޭސް އަޅަމުން ދަނިކޮށް ގޭސް ހޮޅިއެއް ގޮވާ، އެ ޕްރެޝަރުގައި 4 ސިލިންޑަރެއް ވިއްސައިގެން ދިޔައީ ކަމަށެވެ. ނަމަވެސް އެއީ ހުސް ސިލިންޑަރުތަކެއް ކަމަށްވެސް ބުނެއެވެ.

ސަބްމެރިން އާއި ސަބްމެރިން ޑޮކް މިރޭވެސް އޮތީ ދިއްލާފައި - ގޮވުމެއްގެ އަސަރެއް ނެތް

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވޭލް ސަބްމެރިން އިން ބުނެއެވެ.

ވިލިމާލެ އާއި މާލެއާ ދެމެދުގައި ހިމެނޭ ކަނޑުގެ ސަރަހައްދަކީ ސަބްމެރިން ޑައިވް ކުރާ ސަރަހައްދެކެވެ. އަދި އެ ސަރަހައްދަކީ ވިލިމާލެއާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭ ސަރަހައްދާ ދުރުނޫން ހިސާބެކެވެ.

އެ ސަބްމެރިން އަކީ އެވަގުތު މީހުން ތިބި ސަބްމެރިންއެއް ކަން ކަށަވަރެއް ނުވެއެވެ.