ކުޅުދުއްފުށްޓާއި ހދ. މަކުނުދޫގައި ހިނގި ފަދަ ހާދިސާތައް ތަކުރާރުނުވާނެ ހެން ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އެޅުމަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީގެ އެއާޕޯޓުގައި އަލިފާން ނިއްވުމުގެ ތަމްރީނުތަކުގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލްކުރުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާ ލިބުނުއިރު އެކަކު ވަނީ އިތުރު ފަރުވާ އަށް އިންޑިއާ އަށް ފޮނުވައިފައެވެ. އަދި މިއަދުގެ ވަގުތެއްގައި މަކުނުދޫގައި ވެލްޑިންގެ މަސައްކަތެއް ކުރަނިކޮށް، ގޭސް ސިލިންޑަރެއް ގޮވައި، ދެ ބިދޭސިއަކު ވަނީ މަރުވެފައެވެ.

މިއަދު ނެރުނު ކުރު ބަޔާނެއްގައި މުއިއްޒު ވަނީ، މިފަދަ ހާދިސާތައް ތަކުރާރުނުވާނެ ހެން ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވައި، ނިޒާމީ ގޮތެއްގައި މިފަދަ މައްސަލަތަކަށް ހޯދަން ޖެހޭ ހައްލު ހޯދުމަށް މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަަތް އަވަސްކޮށްދިނުމަށް، މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.

"މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަމެވެ،" މުއިއްޒުގެ ބަޔާނުގައި ބުނެފައިވެއެވެ.