ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ހާދިސާ ތަހްގީގުކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ރަށަށް ހިނގައްޖެއެވެ.

މިއަދުގެ ވަގުތެއްގައި ވެލްޑިންގެ މަސައްކަތެއް ކުރަނިކޮށް މަކުނުދޫގައި ހިނގި އެ ހާދިސާގައި ދެ ބިދޭސިއަކު ވަނީ މަރުވެފައެވެ. 'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި މަރުވެފައި ވަނީ އެ ރަށުގެ އެއާޕޯޓު އެޅުމުގެ މަސައްކަތަށް ބިން ހިއްކުމުގެ މަޝްރޫއަށް ގޮސް ތިބި އިންޑިއާގެ ދެ މަސައްކަތްތެރިންނެވެ.

އެ ރަށު ކައުންސިލުން ބުނި ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުގެ ބައިތައް ބުރައިގެން ގޮސް، ދެ މީހުންގެ ހަށިގަނޑު އޮތީ ޗިސްޗިސްވެފައެވެ. ކައުންސިލުން ބުނީ، ގާތްގަނޑަކަށް ހާހެއްހާ ފޫޓު ދުރުން ވެސް އެ މީހުންގެ ހަށިގަނޑުގެ ބައިތައް ފެނުނު ކަމަށެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މި ހާދިސާ ތަހުގީގުކުރުމަށް ކުޅުދުއްފުށީ ފުލުހުންގެ ފޮރެންސިކް ޓީމަކާއި ތަހްގީގު ޓީމެއް މަކުނުދޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގި ސަރަހައްދުގައި ގޭސް ސިލިންޑަރު ގޮވާފައި ވަނީ އެ ސަރަހައްދުން ބޭރުގައި ބަހައްޓާފައި ހުރި މޯޓަރެއް ކައިރީގައެވެ.