ރަޝިއާގެ ދަގެސްޓަންގައި ހުރި ޕެޓްރޯލް ސްޓޭޝަނެއް ގޮވައި 30 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެފިއެވެ.
މަރުވި މީހުންގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނެއެވެ.
މިހާދިސާގައި ޕެޓްރޯލް ސްޓޭޝަންގައި ރޯވީ، އެތަނާ ކައިރީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެ ފެތުރުނު އަލިފާންގަނޑު ޕެޓްރޯލް ސްޓޭޝަނާ ހަމައަށް ފޯރާ، ރޯވެގެންނެވެ.
ރަޝިއާގެ އެމެޖަންސީ މިނިސްޓްރީން ބުނީ، އަލިފާން ރޯވާން ދިމާވި ހާދިސާ ތަހުގީގު ކުރަމުން ދާއިރު، ޒަހަމްވި ފަރާތްތައް ވެރިރަށް މޮސްކޯއަށް ގެންދިޔުމަށްޓަކައި ވައިގެ މަގުން މީހުން އުފުލުމުގެ މަސައްކަތް ފަށާފައި ވާ ކަމަށެވެ.
ޒަހަމްވި މީހުންގެ ތެރޭގައިވެސް ކުޑަކުދިން ހިމެނޭ އިރު ޖުމްލަ 13 ކުއްޖަކަށް އެކިވަރުގެ އަނިޔާވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
މަންޒަރު ދުށް މީހަކާ ހަވާލާ ދީ ހަބަރުތައް ބުނާގޮތުން ގަރާޖާއި ޕެޓްރޯލް ސްޓޭޝަނާ ދެމެދުގައި ގިނަ އަދަދެއްގެ ކާރުތައް ޕާކުކޮށްފައި ހުރި އިރު ރޯވި އަލިފާން ފެތުރެމުން ކާރުތަކުގައި ރޯވެ ގޮވަމުން ބޯ މައްޗަށް ވެއްޓޭހެން ވިއްސައިގެން އައިސް ވެއްޓެމުން ދިޔައެވެ. ދާނެ ނުދާނެ ކޮޅެއް ނޭނގި ގިނަ ބަޔަކު ހާސްކަމުގައި ތިބި އިރު ކައިރީގައި ހުރި އިމާރާތެއްގައި ވެސް ރޯވެ ބާރު އަޑުފައްގަނޑާއެކު އެއްޗެހި ގޮވަމުން ދިޔަ ކަމަށް ބުނެފައި ވެއެވެ.
ގާތްގަނޑަގަށް 6450 ސްކެއާފީޓް ގެ ސަރަހައްދަކަށް އަލިފާންގަނޑު ފެތުރިގެން ދިޔަ އިރު ބޮޑު ސަރަހައްދެއް ވަނި އަނދާފައެވެ.
އިދާރާތަކުން ބުނީ އަލިފާން ކޮންޓްރޯލް ކޮށް މީހުން ސަލާމަތް ކުރުމުގައި 260 އަށް ވުރެ ގިނަ ފަރާފައިޓަރުން ހަރަކާތްތެރިވަމުން ގެންދިޔަ ކަމަށާއި އަލިފާން އެއްކޮށް ނިއްވާލެވޭ ވަރުވީ 3-4 ގަޑިއެއްހާ އިރު މަސައްކަތުން ކަމަށެވެ.
ރަޝިއާގެ ހުލަނގު ސާބިއާގެ ޔޫގްރާގައި ހިނގި މިފަދަ އެހެން ހާދިސާއެއްގައި ވެސް 2 މީހަކު މަރުވެ 5 މީހަކު ޒަހަމްވެފައި ވެއެވެ. އެތާނގައި ވެސް އޮއިލް ފީލްޑެއްގައި ރޯވެ ގޮވީއެވެ.