"ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން އެޗްޑީސީއިން ދުނިޔެ މަގޭ ކެމްޕޭނުގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެޗްޑީސީއިން ބުނީ އެ ހަރަކާތުގައި އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން އަދި އެސްއޯއީ ތަކުންވެސް ބައިވެރިވާނެ ކަމަށާއި އެ ހަރަކާތަކީ އެޗްޑީސީގެ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ކުރިޔަށް ގެންދެވޭ ހަރަކާތެއް ކަމަށެވެ.

ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަހަރުގެ ޖޫން މަހު ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ. އަދި އެ ކޭމްޕޭންގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް "ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެޗްޑީސީއިން ބުނީ އެ ހަރަކާތަކީ މިއަހަރު މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތް ކަމަށެވެ. އަދި ހުޅުމާލެގެ ސާފުތާހިރުކަން ގާއިމްކުރުމަށްޓަކައި އެ ތަނުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.