ޖީއެސްޓީ ހިމެނޭހެން، މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ މުއްދަތުތަކަށް މީރާ އަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި ޓެކުހާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށް، އެ އިދާރާ އިން ބުނެފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އެ އިދާރާ އިން ބުނީ، ޓެކްސް ބަޔާން ހުށަނާޅާ އަދި ޓެކުހާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ މުއްދަތުތަކަށް ނިސްބަތްވާ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި، ޓެކުހާއި ފައިސާ ދައްކާފައިވާ ނުވާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށެވެ.

މީރާގެ އިއުލާނުގައިވާ ގޮތުން، އިންކަމް ޓެކްސް ފިޔަވައި، ޖީއެސްޓީ އާއި ގްރީން ޓެކްސްގެ އިތުރުން ވިތުހޯލްޑިން ޓެކްސްގެ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޓެކުހާއި ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ މި މަހުގައެވެ. އަދި އިންކަމް ޓެކްސް ބަޔާން ހުށަނާޅާ، ދައްކާފައިނުވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ އަންނަ މަހުގައެވެ.

ހަމަ އެހެންމެ، ދައުލަތަށް ދައްކަން ޖެހޭ ފައިސާ އާއި ޓެކްސް ނުދައްކާ ތިބި ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ ގޮތުން، އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މީރާ އިން ބުންޏެވެ.

އެހެންކަމުން، މީރާ އިން ވަނީ ޓެކުހާއި ފައިސާ ނުދައްކާ، އަދި ބަޔާން ހުށަނާޅާ ފަރާތްތަކަށް ދެ އިހުތިޔާރެއް ދީފައެވެ. އެއީ:

  • ލަސް ނުކޮށް ބަޔާން ހުށަހެޅުން، ނުވަތަ ޓެކުހާއި ފައިސާ ދެއްކުން
  • ނުވަތަ މީރާ އަށް ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުން

މީރާ އިން އެދެނީ އިތުރު މައުލޫމާތު ހޯދުމަށް، އެ އިދާރާގެ ހޮޓްލައިން ނަންބަރު 1415 އަށް ގުޅުމަށެވެ. ނުވަތަ ވައިބާ ނަންބަރު 9821415 އަށް މެސެޖު ކުރުމަށެވެ.