ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސްގެ ވެރިން ޓެކުހަށް މަކަރު ހަދާކަމުގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި މީރާ އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
ކާނި ހޮޓަލްސްގެ ނަމުގައި ކ. މާފުށީގައި ހިންގަމުން އަންނަ "ކާނި ޕާމް ބީޗް" އާއި "ކާނި ގްރޭންޑް ސީވިއު" އާއި "ކާނި ވިލެޖް" އާއި "ކާނި ބީޗް" ގެ ވެރިންނަށް ކުރަނީ ގަސްދުގައި ޓެކުހަށް މަކަރު ހެދުމުގެ ދައުވާ އެވެ.
މި މައްސަލައަކީ 01 ޖަނަވަރީ 2019 އިން 30 ސެޕްޓެންބަރު 2022ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދަތުތަކަށް ކާނި ހޮޓެލްސް ނަމުގައި ހިންގަމުން ގެންދާ ހަތަރު ގެސްޓްހައުސްތަކުން މީރާއަށް ހުށަހަޅައިފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާކަމަށް ތުހުމަތުކުރެވޭތީ، އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވޭތީ މީރާއިން ތަހުގީގުކުރަން ފެށި މައްސަލައެކެވެ.
މީރާއިން ބުނި ގޮތުގައި ކާނި ހޮޓެލްސްއާ ގުޅޭ ވިޔަފާރިން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި އެ ވިޔަފާރިއަށް އަންނަ އެންމެހައި ގެސްޓުންގެ މައުލޫމާތު ހިމަނައިފައި ނުވެއެވެ. އެގޮތުން، ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އަދި ފްރީ އިންޑިޕެންޑެންޓް ޓްރެވެލާސް (އެފްއައިޓީ)ގެ ގޮތުގައި އަންނަ ގެސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން ތަހުގީގުގައި ހޯދި ހޯދުންތަކުން ފާހަގަ ވެފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
އަދި ހަމައެހެންމެ އެކޮމަޑޭޝަންގެ އާމްދަނީގެ އިތުރަށް ވިޔަފާރިން ފޯރުކޮށްދޭ ހިދުމަތްތައް ކަމުގައިވާ އެއާޕޯޓް ޓްރާންސްފާ، ރެސްޓޯރަންޓް، ސްޕާ، އެކްސްކާޝަން ފަދަ "އެކްސްޓްރާސް"ގެ ހިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑުބައެއް އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މި މައްސަލައިގައި، ކާނި ހޮޓެލްސް ވިޔަފާރީގައި ހިމެނޭ 2 ކުންފުނި ކަމުގައިވާ ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް އާއި އަސްނާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ، ކުންފުނިތަކުގެ 2 ޑިރެކްޓަރުންކަމުގައިވާ އަބްދުﷲ ނަޝީދު އާއި އާމިނަތު އާސިމާ ސަލީމްގެ އިތުރުން ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އާއިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފައިވެއެވެ.
މީރާ އިން ބުނެފައިވަނީ އަށްލައްކަ ޑޮލަރު (13.3 މިލިއަން ރުފިޔާ) ކާނި ހޮޓެލްސް އިން އިތުރަށް ދައްކަން ޖެހޭ ކަމަށް ޓެކްސް އޮޑިޓުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކާނި ހޮޓެލްސް އަކީ ގެސްޓްހައުސް ވިޔަފާރިކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ޓެކްސް ދައްކާ ކުންފުނި ކަމަށްވާއިރު ކާނި ކުންފުނީގެ ވެރިޔާ އަބްދުﷲ ނަޝީދަކީ، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭ) ގެ ރައީސް ވެސް މެއެވެ.
ޓެކްސް އަށް މަކަރު ހެދުމާއި ނުދެއްކުން ފަދަ މައްސަލަތަކުގައި ބޮޑެ ޢަދަދުތަކުން ޖޫރިމަނާ ކުރަމާ؟