މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީ 13.2 ޕަސެންޓު އިތުރުވެފައިވާކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރުމަހު މީރާއަށް 1.89 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.2 ޕަސެންޓު އިތުރުވުމަށްކަވާއިރު މިއީ މި އަހަރުގެ ނޮވެމްބަރުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %19.7 އިތުރު އަދަދެއްކަމަށް މީރައިން ވަނީ ބުނެފައެވެ.

މިއަހަރުގެ ނޮވެމްބަރުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް އިތުރު ކޮށްފައިވާތީކަމަށް މީރައިން ވަނީ ބުނެފައެވެ. އެގޮތުން މިއަހަރު ނޮވެމްބަރުމަހު އެއާޕޯޓް ޓެކުހާއި ފީ އާއި ޖީއެސްޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާއިރު 2023 އޮކްޓޯބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 8.5 ޕަސެންޓު އިތުރުވެފައެވެ.

ނޮވެމްބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 57.9 ޕަސެންޓު ނުވަތަ 1.09 ބިލިޔަން ރުފިޔާއެވެ. ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އިން 171.62 މިލިޔަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 93.14 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިޔަން ރުފިޔާ ލިބުނު އިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 91.45 މިލިޔަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 85.73 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ނޮވެމްބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 88.17 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.