މާފު ދިނުމާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 9 ބިލިއަން ރުފިޔާ ލިބިފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަން ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް މިއަދު އޮޑިޓް އޮފީހުގެ އިސްވެރިން ހާޒިރު ކުރުމުން ވަނީ މީރާގެ ތަފާސް ހިސާބުތަކާއެކު ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ ކަމަށް ބުނެފައެވެ.

އެގޮތުން މިއަހަރުގެ ޖޫންގެ ނިޔަލަށް 10 ބިލިއަން ރުފިޔާ ނުލިބި ހުރިކަން ފާހަގަކޮށް އެ އޮފީހުން ބުނީ، 2022 ވަނަ އަހަރު 5.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުރި ކަމަށެވެ. އަދި ހަމަ އެ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް 7.7 ބިލިއަން ރުފިޔާ ނުލިބި ވާ ކަމަށް އެ އޮފީހުން ވަނީ މައުލޫމާތު ހުއްސާކޮށްފައެވެ.

އަދި މިފަދައިން ނުލިބި ހުރި ފައިސާތަކަށް ގާނޫނުން ލުއިދީފައިވާ ކަމަށާއި އެއާއެކު ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުން 2020 ވަނަ އަހަރުން ފަށައިގެން އޮގަސްޓް 2024 ގެ ނިޔަލަށް ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާ ނުލިބޭނެކަމަށް ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

ފައިސާ ހޯދަން މީރާއަށް ދިމާވާ ދަތިތައް ފާހަގަ ކުރަމުން އޮޑިޓާ ޖެނެރަލް އޮފީހުން ބުނީ، އެންފޯސްމަންޓް ދާއިރާގައި އެންފޯސްމަންޓަށް މި ހުންނަ ގޮންޖެހުންތަކާއެކު ކަމަށާއި އެކަން އިސްލާހު ކުރެވޭނީ މީރާއަށް ދޭންޖެހޭ ބާރުތައް ގާނޫނުތަކަށް ބަދަލު ގެނެސްގެން، ރެގިއުލޭޝަންތައް ޗޭންޖުކޮށްގެން ކަމަށެވެ.

މިއަދުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގައަށް އޮޑިޓް އޮފީސްގެ އިސްވެރިން ހާޒިރުކޮށް މަޝްވަރާ ކުރަނީ / ފޮޓޯ: މަޖިލިސް

މީގެ އިތުރުންވެސް ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ލޭންޑް ރެންޓު ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު ލިބިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ހިއްސާ ކުރެއްވި މީރާގެ ތާފާސް ހިސާބުތަކަށް ބަލާއިރު އެކި ހިދުމަތްތަކުން ނަގާ ޓެކްސްއާއި ބިމު ކުލި އެއްކުރީމައި ލިބެންޖެހޭ އަދަދު 15،445،526،584.29 (15 ބިލިއަން ރުފިޔާ) ދައުލަތަށް ލިބެންޖެހެއެވެ. އަދި އެ ފައިސާ ހޯއްދަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ދާދިފަހުން ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ހުއްދަ އާއި ކޯޓާ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ އަރާފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކުރުމާއެކު، 182 މިލިއަން ރުފިޔާ ވަނީ އެ ފަރާތްތަކުން ދައުލަތަށް ދައްކާ ހަލާސްކޮށްފައެވެ.