ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރަށު މާރުކޭޓުގެ ގޮޅިތައް ގަވާއިދާ ހިލާފަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ހިންގަމުންދާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެ ކުންފުނިން ގާއިމްކޮށް ކުއްޔަށް ދޫކޮށްފައިވާ ރަށު މާރުކޭޓުގެ ގޮޅިތައް ހިންގުމަށް އެ ކުންފުންޏާއެކު ވެފައިވާ ގިނަ އެއްބަސްވުންތަކުގެ މުއްދަތު އާ ކުރުމަށްޓަކައި ބެލިބެލުމުން ބައެއް ގޮޅިތައް ގަވާއިދާ ހިލާފަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރަށު މަރުކޭޓުން ރައްޔިތުންނަށް އަކަށީގެންވާ އަގެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް މަގު ފަހިކުރުމަށާއި މާރުކޭޓުގެ ހިދުމަތް އިތުރަށް ރަނގަޅުކޮށް މެދުނުކެނޑި ހިދުމަތް ދިނުމަށްޓަކައި އެޗްޑީސީން މާރުކޭޓު ގޮޅި ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ގޮޅި ހިންގަމުންދާ ފަރާތްތަކުގެ އެއްބަސްވުން އިތުރު ހަ މަސްދުވަހަށް އިތުރުކޮށް، ގަވާއިދާ ހިލާފަށް ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދީފައިވާ ގޮޅިތަކުގެ އެއްބަސްވުން އާ ނުކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މާރުކޭޓު ގޮޅި ކުއްޔަށް ދޫކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް ކުއްޔަށް ނަގައިގެން ހިންގާ ފަރާތްތަކާއެކު އެއްބަސްވުން ހެދި ގަވާއިދާ އެއްގޮތަށް މާރުކޭޓު ގޮޅި ހިންގުމުގެ ފުރުސަތު އެފަރާތްތަކަށް ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ރަށުމާރުކޭޓުގެ ގޮޅި ތިންވަނަ ފަރާތުގެ ގޮތުގައި ކުއްޔަށް ނަގައިގެން ހިންގަމުންދާ ފަރާތެއްވާނަމަ އެކަން ސާބިތުކުރެވޭނެ ކުލި ދެއްކިކަމުގެ ލިޔުން ނުވަތަ އެއްބަސްވުން ފަދަ ލިޔެކިޔުންތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ގޮޅި ބޭނުންވާ ކަމަށް އެދި މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:30ގެ ކުރިން އެޗްޑީސީއަށް ހުށަހަޅަން އެ ކުންފުނިން ވަނީ އެދިފައެވެ.