ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ 8 ޓަވަރެއްގައި 1،600 އަށް ވުރެ ގިނަ ސީސީޓީވީ ކެމެރާ ހަރުކޮށް، ހިޔާ ފްލެޓްތައް މޮނިޓާކުރަން ފަށައިފިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ކަންތައްތަކާ ހަވާލުވެ އޮތް ކުންފުނިން ބުނީ، ހިޔާގައި ދިރިއުޅޭ މީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހިޔާގެ 8 ޓަވަރެއްގައި ޖުމްލަ 1،668 ސީސީޓީވީ ހަރުކޮށްފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، މިހާރު ވެސް ބައެއް ޓަވަރުތަކުގައި ކެމެރާ ހަރުކޮށް، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

ހިޔާގައި ކެމެރާ ހަރުކޮށް، ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ: އެޗްޑީސީ

ކެމެރާ ހަރުކޮށްފައިވާ ޓަވަރުތަކާއި އަދަދުތައް:

  • އެޗް-5، އެޗް-8، އެޗް-9، އެޗް-12 (ކޮންމެ ޓަވަރެއްގައި 222 ކެމެރާ)
  • އެޗް-6، އެޗް-7، އެޗް-10، އެޗް-12 (ކޮންމެ ޓަވަރެއްގައި 195 ކެމެރާ)

ހިޔާ ފްލެޓްތަކުގައި ސީސީޓީވީ ކެމެރާ އެންމެ ފުރަތަމަ ހަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގައެވެ. އެއަށްފަހު އިތުރު އެހެން ޓަވަރުތަކުގައި ވެސް ކެމެރާ ހަރުކޮށްފައި ވާއިރު، އެޗްޑީސީން ބުނާ ގޮތުގައި، ހުރިހާ ޓަވަރެއްގައި ކެމެރާ ހަރުކޮށް ނިމޭއިރު، ޖުމްލަ 3،072 ކެމެރާ ހަރުކޮށްފައި ހުންނާނެއެވެ

މީހުން އާބާދުވެ، ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފެށި ހިސާބުން އެކި ކަހަލަ އިޖްތިމާއީ މައްސަލަތައް އެކި ފަހަރު މަތިން ފެންމަތިވެފައިވާއިރު، އެ ތަނުގައި ސަލާމަތީ ކަންކަން ނުބަލަހައްޓާ މައްސަލަ ހޫނު ވުމުން އެޗްޑީސީން ވަނީ ހިޔާ ފްލެޓުތަކުގައި 24 ގަޑިއިރު ސެކިއުރިޓީ ގާޑުން ތިބޭ ގޮތަށް ހަތަރު ގްރޫޕަކަށް މަސައްކަތް ހަވާލުކޮށްފައެވެ.

ސެކިއުރިޓީ ގާޑުން ހަރަކާތްތެރި ވާނީ ހިޔާގެ ބޭސްމަންޓާއި ޕާކިން އަދި ގްރައުންޑް ފްލޯތަކުގައެވެ. އަދި ސީސީޓީވީ މެދުވެރިކޮށް ފްލެޓުތަކުގެ އެހެން ތަންތަން ވެސް ގަވާއިދުން ބަލަމުންދާ އިރު، އެތަނުގައި ދިރިއުޅޭ މިހުންނާއި މެނޭޖްމަންޓުން ހުށަހަޅާ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލަތައް އެފަރާތުން ބަލާނެއެވެ.