ކެނެޑާގެ މެދުތެރޭގައި އޮންނަ ބައިމަދު ސަރަހައްދެއްގައި ވަޅިން ހަމަލާ ދީ 10 މީހަކު މަރާލައި 15 މީހަކު ޒަހަމްކޮށްލި މައްސަލައިގައި ހޯދަމުން ދިޔަ 2 ވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިހާދިސާގައި ފުލުހުން ތުހުމަތު ކުރީ 2 މީހަކަށެވެ. ފުރަތަމަ މީހާ ފިލަން އެސްޔޫވީ (ކާރެއް) ގައި ހައިވޭއަކުން ދުއްވަނިކޮށް ފުލުހުން އޭނާ ހައްޔަރު ކުރިއެވެ. އޭނާ ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓާ ސިއްހީ ކުއްލި މައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދިޔަ ތަނުން ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި ހިމެނޭ 2 ވަނަ މީހާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައި ވާކަމަށެވެ. ފުލުހުން މިހާރު ހާމަކޮށްފައި ވާގޮތުން އެއީ ދެބެންނެވެ.

އެމީހުން ވަޅިން ހަމަލާދީ އާންމުންގެ ގިނަ ބަޔަކު މަރާލަން ޖެހުނު ސަބަބެއް އަދިވެސް ހޯދިފައި ނުވާ އިރު ފުލުހުން ބުނެފައި ވަނީ އެމީހުން ހަމަލާ ދީފައި ވަނީ ވަކި ވަކި މީހުން ޓާގެޓް ކޮށްގެން ނޫން ކަމަށެވެ. ނަމަވެސް ހަމަލާ އަމާޒުވި ބައެއް މީހުންގެ ތެރޭގައި އެމީހުން ޓާގެޓް ކުރި ބައެއް މީހުން ތިބެދާނެ ކަމަށާއި ނަމަވެސް މަރުވެ އަދި ޒަހަމްވި ގިނަ މީހުންނަކީ އެކަކާ އަނެކަކު ގުޅޭ މީހުންނެއް ނޫނެވެ. ނުވަތަ އެއްކޭސް އަނެއްކޭސް އާ ގުޅުމެއް ނެތް މީހުން ކަމަށެވެ.

2000 އެއްހާ މީހުންގެ އާބާދީއެއް ނިސްބަތްވާ ކެނެޑާގެ އެ އަވަށް، ސަސްކެޗެވަންގެ ޖޭމްސް ސްމިތް ޕްރޮވިސްގައި ހިނގި ގަތުލުއާންމާ ގުޅިގެން އެ ސަރަހައްދުގައި ކުއްލި ހާލަތު ވެސް އިއުލާން ކުރިއެވެ. އަދި ހަމަލާ ދިނުމުގައި އުޅުނު ދެމީހުންގެ މައުލޫމާތު އެ ސަރަހައްދުގެ އެންމެންގެ ފޯނުތަކަށް ފުލުހުން ފޮނުވައި އެންމެން އެލާޓް ކުރިއެވެ. އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށާއި ތުހުމަތު ކުރެވޭ މީހުން ފެނިއްޖެނަމަ އަންގަން ބުންޏެވެ.