އެމެރިކާގެ އިލިނޮއިސްގައި ދިރިއުޅެމުން ދިޔަ މުސްލިމް 2 މައިންނަށް އެމެރިކާ މީހަކު ވަޅިން ހަމަލާދިން ހާދިސާގައި 6 އަހަރުގެ ވަދޭ އަލް ފަޔޯމީ މަރުވެފައި ވާ އިރު އޭނާގެ އެންމެ ފަހު ބަހަކީ "މަންމާ އަހަރެން ރަނގަޅު" ކަމަށް ބުނުމެއެވެ.
ފަޔޯމީގެ ޖަނާޒާ ކުރިއަށް ދިޔަ އިރު އޭނާގެ ބޮޑު ބޭބެއަކު ބުނީ، އެ ދެމައިންނަށް ހަމަލާ ދިން މީހާ އެކަން ކޮށްފައި ވަނީ، އިޒްރޭލާއި ހަމާސް އާ ދެމެދު ހިނގަމުން ދާ ހަމަނުޖެހުންތަކާ ގުޅިގެން މުސްލިމުން ދެކެ އައި ރުޅީގައި ކަމަށެވެ.
އޭނާއަށް އެމެރިކާގެ ރޭޑިއޯތަކުން އިވޭ އަޑުތަކުގެ ސަބަބުން ހަމައިން ނެއްޓީ ކަމަށާއި އޭނާއަށް ވިސްނުނީ އޭނާގެ ގޭގައި ދިރިއުޅޭ މުސްލިމުން އޭނާއަށް ހަމަލާދީ އަދި އެ ސަރަހައްދުގެ ކަރަންޓް ވިއުގައަށް ވެސް ގެއްލުން ދީފާނެ ކަމަށް ކަމަށެވެ.
އެ ދެމައިންނަށް ހަމަލާ ދިން އުމުރުން ދުވަސްވީ މީހާ އަކީ އެދެމައިންނާވެސް ވަރަށް ރަހުމަތްތެރިކޮށް އުޅޭ އަދި ހާއްސަކޮށް 6 އަހަރުގެ ފަޔޯމީއާ ވަރަށް ގާތްކޮށް އުޅެމުން ދިޔަ މީހެއް ކަމަށާއި މީގެ ދެތިން ހަފްތާކުރިން އޮތް އޭނާގެ އުފަންދުވަހުގެ ހަފްލާއެއްގައި ވެސް އެ މީހާ ބައިވެރިވި ކަމަށެވެ. އަދި ފަޔޯމީއަށް ހަދިޔާ ދީ ހަދާ ކަމަށާއި އޭނާ ފަޔޯމީއާ ދޭތެރޭ ދެކެމުން އައީ ކާފަދަރިއެއް ފަދައިން ކަމަށް ވެސް ބުނެފައި ވެއެވެ.
ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން ދުވަހު އޭނާ އެދެމައިން އުޅޭ ގެއަށް ދިޔަ ކަމަށާއި އެކަމާ ވާހަކަ ދެއްކުމުން ފިޔޯމީގެ މަންމަ، "ސުލްހަވެރިކަމަށް އެދި ދުއާ ކުރަމާ ހިނގާށޭ" ބުނި ކަމަށާއި ނަމަވެސް އެކަން އޭނާއަށް ހަޖަމް ނުވެ ވަޅިން ހަމަލާ ދިނީ ކަމަށެވެ.
ފަޔޯމީގެ ޖަނާޒާގައި އިލިނޮއިސް އާއި އަދި ދުރު ހިސާބުތަކުން މުސްލިމުން އައިސް ބައިވެރިވި އިރު ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ، އެނާގެ ބޮޑު ބޭބެ ކިޔައިދިން ވާހަކަ ތަކުންނެވެ. އެދެމައިން އުޅެމުން ދިޔައީ އެ ހަމަލާ ދިން މީހާގެ ގޭގެ 2 ކޮޓަރި ކުއްޔަށް ހިފައިގެން ކަމަށާއި، އެ ދެމައިންނަކީ ހަމަޖެހިގެން އެކުވެރިކަމާއެކު އުޅެމުން ދިޔަ ދެމައިން ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ފަޔޯމީ އަކީ ސަކަ މިޒާޖެއްގެ ކުއްޖެއްގެ އިތުރުން ހިތްހަމަޖެހިގެން އުފަލުން އުޅެމުން ދިޔަ ކުއްޖެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މިހަމަލާ އަށް ފަހު އިލިނޮއިސް އާއި އެހެން ބައެއް ސްޓޭޓްތަކުގެ ކުޑަކުދިންގެ ސްކޫލުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައި ވާ އިރު، މުސްލިމް ދަރިވަރުންނާ މެދު ތަފާތު ކޮށް ބްލީ ކުރުން ފަދަ ކަމެއް ހިނގާތޯ ޓީޗަރުންވެސް ފަރުވާތެރިވުމަށް ސްކޫލުތަކުގެ މެނޭޖްމަންޓުން ވަނީ އަންގާފައެވެ.
ފަޔޯމީގެ ޖަނާޒާ ބޭއްވި އިރު އޭނާގެ މަންމަ އޮތީ ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައެވެ. ގާތިލުގެ އެ ހަމަލާގައި ފަޔޯމީގެ މަންމަގެ ގައިގެ އެތަން މިތަނަށްވެސް ވަޅިހަރާފައި ވެއެވެ.