މާލޭގައި، އަންހެނަކު ތޫނު އެއްޗަކުން ފިރިހެނަކަށް ހަމަލާ ދިން މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ކަލާފާނު ސްކޫލު ކައިރިން އަންހެނަކު، ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ މި މަހުގެ 24 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރިކަން ފުލުހުން ހާމަކޮށްފައި ނުވާއިރު މިކަމާ ގުޅޭ އިތުރު ތަފްސީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް މާލޭ މަގުމަތީގައި ކުށްކުރާ މިންވަރު އިތުރުވެފައި ވާއިރު، މިފަދަ ކުށްތަކުގައި އަންހެނުން ޝާމިލުވާ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖޭގައި ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާއިރު މިދިޔަ މަހު އެކަނިވެސް ޖިސްމާނީ ގޮތުން އެހެން މީހުންނަށް އަނިޔާ ދިނުމުގެ 74 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އެހެން މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ 63 މައްސަލަ ހުށަހަޅާފައިވާއިރު ގެވެށި އަނިޔާގެ 16 މައްސަލަ އަދި ޖިންސީ ގޯނާގެ 29 މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ.