ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓްތަކުގެ އިތުރު 2 ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

އެޗްޑީސީން އެންމެ ފުރަތަމަ ސީސީޓީވީ ކެމަރާ ފުރަތަމަ ހަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އޭރު ކެމެރާ ހަރުކޮށްފައިވަނީ އެޗް 13، އެޗް 14، އެޗް 15 އަދި އެޗް 16 އެވެ.

އެޗްޑީސީން އިތުރު ދެ ޓަވަރެއްގައި ކެމަރާ ހަރުކޮށްފައި ވާއިރު އެއީ އެޗް 5 އަދި އެޗް 8 ވަނަ ޓަވަރުގައެވެ. މިއިން ކޮންމެ ޓަވަރެއްގައި 192 ކެމަރާ ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ހިޔާގެ ހުރިހާ ޓަވަރެއްގައި ސީސީޓީވީ ކެމަރާ ހަރުކޮށް ނިމޭއިރު ޖުމްލަ 3،072 ކެމަރާ ޓަވަރުތަކުގައި ހުންނާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފަިއވާ ހިޔާ ޓަވަރުތަކުގައި މީހުން އާބާދުވެ ދިރިއުޅެން ފެށި ހިސާބުން އެކި ކަހަލަ އިޖްތިމާއީ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ހިޔާ ޓަވަރުތަކުގައި ސަލާމަތީ ކަންކަން ނުބަލަހައްޓާ މައްސަލަ ހޫނު ވުމުން އެޗްޑީސީން ވަނީ ހިޔާ ފްލެޓުތަކުގައި 24 ގަޑިއިރު ސެކިއުރިޓީ ގާޑުން ތިބޭ ގޮތަށް 4 ގްރޫޕަކަށް މަސައްކަތް ހަވާލުކޮށްފައެވެ.

ސެކިއުރިޓީ ގާޑުން ހަރަކާތްތެރި ވާނީ ހިޔާގެ ބޭސްމަންޓާއި ޕާކިން އަދި ގްރައުންޑް ފްލޯތަކުގައެވެ. އަދި ސީސީޓީވީ މެދުވެރިކޮށް ފްލެޓުތަކުގެ އެހެން ތަންތަން ވެސް ގަވާއިދުން ބަލަމުންދާ އިރު، އެތަނުގައި ދިރިއުޅޭ މިހުންނާއި މެނޭޖްމަންޓުން ހުށަހަޅާ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލަތައް އެފަރާތުން ބަލާނެއެވެ.

ހިޔާ ޓަވަރުތަކުގައި ދިިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޗްޑީސީން މަސައްކަތް ކުރަމުން އަންނަ އިރު، އެތަނުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ވެސް އެޗްޑީސީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ގޮތުން އެ ސަރަހައްދުގައި މިސްކިތް ބިނާ ކުރުމާއި ސްކޫލް ބިނާ ކުރުމާއި، ފިނި މައިޒާން ފަދަ ޕާކްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.