ހިޔާ މަޝްރޫއުގެ ދަށުން ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 40 މީހަކު އަދިވެސް އެއްބަސްވުމުގައި ސޮއިނުކުރާ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 6720 ފުލެޓު ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން ނިންމުމަށް ވަރަށް ގިނަ ދުވަސްތަކެއް ދެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް 40 މީހަކު އަދިވެސް އެގްރިމެންޓްގައި ސޮއިނުކުރާ ކަމަށާއި އެ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެ މިނިސްޓްރީގެ އެ އިއުލާނުގައި ވަނީ އެ މީހުންގެ ނަންތަކާއި އައިޑީކާޑު ނަންބަރުވެސް އާންމުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ އެ ލިސްޓްގައިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ގޮސް އެގްރީމަންޓްގެ ކަންކަން ނިންމުމަށް އެދޭ ކަމަށާއި އެ މުއްދަތުގައި އެގްރީމަންޓްގައި ސޮއިނުކުރާ ފަރާތްތަކުގެ ފުލެޓު ލިބުމަށް ހޮވިފައިވާ ހޮވުން ބާތިލްވާނެ ކަމަށެވެ.

ފްލެޓު އުސޫލު އޮންނަ ގޮތުން މިގޮތަށް ގެއްލޭ ފުރުސަތުތައް ލިބޭނީ ފްލެޓަށް ޝަރުތުހަމަވާ ލިސްޓުގައި ދެން އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ކަމަށްވާއިރު ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.