ޖިސްމަށް ލިބޭ އަނިޔާތަކާއި ލިބޭ ގެއްލުންތައް ފޮރުވުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް ނަފްސާނީ ގޮތުން ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކަން މީހުން ޖެހިލުންވެއެވެ. ސަބަބަކީ އެމީހަކީ "ސައިކޯ" އެއް ނުވަތަ މޮޔައެއްގެ ގޮތުގައި ލޭބަލް ކޮށްފާނެތީއެވެ. ބުލީގެ ޝިކާރައަކަށް ވެ އެމީހަކަށް ނަފްސާނީ ގޮތުން ކުރިމަތިވާ އިތުރު ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހިދާނެތީއެވެ.
ނަމަވެސް މިހާރު މިއީ ނުދައްކާ ދޫކޮށްލެވޭ ވަރުގެ ވާހަކައެއް ނޫނެވެ. ކޮންމެ 10 މީހެއްގެ ތެރެއިން އެކަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެ އެފަދަ ކޮންމެވެސް ބައްޔެއް ތަހައްމަލު ކުރާ މީހުންނެވެ. މި ފަދަ ބަލިތަަކަކީ އެފެދުމުގައި ހުންނަ ބަލި ބައްޔެއް ނޫނެވެ. މި ބަލިތައް އާންމުކޮށް ޖެހެނީ އެމީހަކަށް ދިމާވާ ހާދިސާއަކުން ނުވަތަ ދިރިއުޅޭ މާހައުލަކުން ނުވަތަ ދިރިއުޅުމުގައި ދިމާވާ ކޮންމެވެސް ކަންތައްތަކެއްގެ ސަބަބުންނެވެ.
ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާނެ ކަންކަމުގެ ތެރޭގައި ތިމާގެ ވިސްނުމާއި، އިހްސާސްތަކާއި އަދި ކަންކަމުގައި ތިމާ އަމަލު ކުރާ ގޮތް ހިމެނެއެވެ. ތިމާ ދިރިއުޅޭ މާހައުލުގައި ވަށައިގެން ހިނގާ ކަންތައްތަކާއި އެ ކަންތައްތަކަކީ ތިމާއަށް އުނދަގޫތަކެއް އިހްސާސްވާ ކަންކަން ކަމަށް ވާނަމަ ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެކަމުގެ ސަބަބުން ދެން އެމީހެއްގެ ސިކުނޑީގައި އަށަގަންނަން ފަށާ ނުބައި ހިޔާލުތަކާއި ވަސްވާސްތައް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އެ ހިޔާލުތަކުގެ ސަބަބުން ތިމާއަށް ހެވާއި ނުބައި ވިސްނުމަށް ނުކުޅެދޭ ހިސާބަށް ދެއެވެ. އެއަށް ފަހު ތިމާގެ އަނގައިން ކޮންޓްރޯލެއް ނެތި ނިކުންނަ ބަސްތަކާއި، އަތުން ފައިން ގޯސް ހެދި އިތުރު ކުށްތަކަށް ތިމާ މީހާ އަރައިގަންނަ ހިސާބަށް ދާ ފަހަރު އާދެއެވެ. އަމިއްލަ އަށް މަރުވުމާއި ވަށައިގެން އުޅޭ މީހުންނަށް ނުރައްކަލަށް ތިމާ ވެގެން ދެއެވެ.
މިއީ އިއްޔެއަކު މިއަދަކު އާންމުވި ބައްޔެއް ނޫނެވެ. ބޯދާ ޒަމާނުގައި ވެސް މިބަލި ތަހައްމަލު ކުރާ މީހުން އުޅުނެވެ. އޭރު ފެން ކިޔަވާ ދުންމަތުރާލައި މިއީ ޖިންނި ޝައިތޯނުންނާ ގުޅުން ހުރި ކަމެއް ކަމަށް ގަބޫލު ކުރި މީހުން ވެސް އުޅުނު ޒަމާނެއް ދިޔައެވެ. ނަމަވެސް ޒަމާން ބަދަލުވެ ސިއްހީ ގޮތުން ކުރިއަރައި ނަފްސާނީ ބަލިތައް ދެނެގަނެވި އެކަމުގެ ފަރުވާތައް ކުރަން ފެށުނެވެ. ހަމައެފަދައިން ރާއްޖޭގައި ވެސް އެ ބައްޔަށް ފަރުވާ ދޭން ފަށައި މިއަދާ ހަމަައަށް އައި އިރު އެކަމުގެ ފަރުވާތައް ދިނުމަށް ރާއްޖޭގައި ކްލިނިކްތައް ވެސް ހުޅުވައިގެން ފަރުވާގެ ދޮރު ހުޅުވިގެން ދިޔައެވެ.
ރާއްޖޭގައި މިހާރު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން މަދެއް ނޫނެވެ. އަމިއްލަ މީހާ އާއި އަމިއްލަ މީހާ ވަށައިގެން ދިރިއުޅޭ މީހުންގެ ރައްކަލަކަށް ފަރުވާ ހޯދައި އަނދިރި ހަޔާތަކުން ނިކުންނަން ބޭނުންވާ މީހުން ގިނައެވެ. ނަމަވެސް މި ކަމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ މި ބައްޔަށް ފަރުވާ ކުރުމަށް ހުރި ހުރަސްތަކެވެ. ޑޮކްޓަރުން މަދު ކަމާއި އަދި ވަސީލަތްތައް މަދު ކަމެކެވެ. ޑޮކްޓަރަށް ދެއްކުމަށް އެތައް ދުވަހަކު ވެއިޓިން ލިސްޓުގައި މަޑު ކުރަން ޖެހުމެވެ.
މާޗް 25. 2019 ގައި އައިޖީއެމްއެޗްގައި ހުޅުވި ސެންޓާ ފޯ މެންޓަލް ހެލްތް (ސީއެމްއެޗް) ހުޅުވައި މިހާތަނަށް ވަނީ ނަފްސާނީ ބަލިބައްޔަށް ފަރުވާ ދިނުމުގައި ނަމޫނާ ދައްކާފައެވެ. އެ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ސީއެމްއެޗުން ޖުމްލަ 55،608 އަށްވުރެ ގިނަ ކޮންސަލްޓޭޝަން ހަދާފައިވާ ކަމަކީ ވޭތުވެ ދިޔަ 3 އަހަރު ތެރޭ މި ބައްޔަށް ފަރުވާ ބޭނުންވާ އެތައް ބަޔަކު ތިބި ކަމުގެ ހެއްކެކެވެ. އެގޮތުން ވޭތުވެ ތިން އަހަރު ދުވަހުގެ ރެކޯޑަށް ބާލާއިރު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް މީހުން ޑޮކްޓަރަށް ދައްކާފައިވާ މިންވަރު މައްޗަށް ގޮސްފައިވާ ތަން ވަނީ ފެނިފައެވެ.
ސީ.އެމްއެޗްގައި ހަދާފައިވާ ކޮންސަލްޓޭޝަން އަދަދު
- 2019: 7246
- 2020 17،708
- 2021: 16936
- 2022: 13718 (އޮކްޓޯބަރު މަހާ ހަމައަށް)
އެޑްމިޓްކޮށްގެން ސީއެމްއެޗްގައި ފަރުވާ ދީފައިވާ މީހުންގެ އަދަދު
- 2020: 49 (އޮކްޓޯބަރުން ޑިސެމްބަރަށް)
- 2021: 232
- 2022: 125 (ޖެނުއަރީ އިން އޮކްޓޯބަރަށް)
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ދަތިތަކެއް ހުންނަ ކަމަށް މިހާރު ބައެއް މީހުން ބުނާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ސީއެމްއެޗުން ޑޮކްޓަރަށް ދެއްކުމުގައި އެޕޮއިންޓް ލިބުމުގެ ދަތިކަމުގެ ވާހަކައެވެ. އަދި އަވަހަށް ފަރުވާ ހޯދުމަށް ކްލިނިކްތަކަށް ދާން ޖެހުމާއި ނަފްސާނީ ބަލިބައްޔަށް ފަރުވާ ދޭ ޑޮކްޓަރުން މަދު ވާހަކައެވެ. މި ޝަކުވާތައް ބޮޑުވެގެން ދިއުމާ އެކު މި އަހަރު ޖުލައި މަހު ސީއެމްއެޗުން ވަނީ ސައިކޭޓްރިސްޓުންގެ އަދަދު 4 އިން 8 އަށް އިތުރު ކޮށްފައެވެ. މި އަދަދު އިތުރު ކުރުމުން ވެއިޓް ލިސްޓުގައި 3500 މީހުން ތިބުމަށް ފަހު މިހާރު އެ އަދަދު ވަނީ 510 އަށް ދަށް ވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ދަތިތަކަށް ހައްލު ހެދުމަށް މިދިޔަ އޮކްޓޯބަރު މަހު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މެންޓަލް ހެލްތް ސެންޓަރެއް ވެސް ހުޅުވާފައެވެ.
ނަފްސާނީ ގޮތުން ބަލިކަށިވެ އެ ފަދަ ބަލިތައް ތަހައްމަލު ކުރާ ބައެއް މީހުންނަކީ އާއިލާއާ އެކު ދިރިއުޅުމުގެ ނުރައްކާ އޮންނަ ބައެކެވެ. އަދި ބައެއް މީހުންނަކީ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން އެފަދަ މީހުން ބެލެހެއްޓުމުގައި ހުރަސްތަކެއް ތިބޭ ބައެކެވެ. އެހެންކަމުން އެފަދަ މީހުންނަށް ހިދުމަތް ދިނުމަށް ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބައެއް މީހުން ގެންދަން ޖެހެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތު 199 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 165 މީހުންނަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނެވެ.
އެ މީހުންނަށް ފަރުވާ ދިނުމުގައި ހުރި ދަތިކަން ހާމަކުރަމުން ޖެންޑާ މީނިސްޓްރީން ބުނީ، މި ވަގުތު ހުރި ގޮން ޖެހުމަކީ ތަނުގެ ޖާގަ ހުރި މިންވަރަށް ވުރެ ތަނުގައި ތިބި ބަލި މީހުންގެ އަދަދު އިތުރުވުމެވެ. އަދި ބަލި މީހުންނަށް ފަރުވާ ދޭން ތިބެ ސައިކޭޓްރިސްޓުން މަދު ކަމެވެ. އެކަމަށް ހައްލު ހޯދުމަށް އެ މަގާމަށް ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް އެލްޑާލީ ކޮމިއުނިޓީ ސެންޓަރަކާއި އައްޑޫ ސިޓީގައި އެލްޑާލީ ވިލެޖް އަދި ވިލިމާލޭގައި ކުޑަކުދިންގެ ހިޔާ ހިންގި އިމްރާތުގައި ވިލިވެށިގެ ނަމުގައި ސޯޝަލް ސާވިސް ސެންޓަރެއް ގާއިމް ކުރުމުން އެ ކަމަށް ހައްލު ލިބިގެންދާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ ބަޔަކު މިހާރު ފަރުވާ ހޯދާ ކަމަކީ އަހަރެމެން އުފާ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އަދިވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ހުރި ދަތިތައް ހުރަސްކޮށް ފަރުވާ ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ޑޮކްޓަރުން ބޭނުން ވެއެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގައި މާލޭގައި އެކަނި ކްލިނިކްތަކެއް ހުޅުވުމަކުން ނުވާނެ ކަމީ މި ވަގުތު އެޕޮއިންޓްމަންޓް ހޯދަން ވެއިޓް ލިސްޓުގައި މަޑު ކުރަންޖެހޭ އެއް ސަބަބު ވެސް މެއެވެ.
މިކަމުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސައިގެން މެނުވީ މި ހިދުމަތް ރަނގަޅު ނުކުރެވޭނެއެވެ. ސަރުކާރުން ބުނެފައި ވަނީ "ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތް ޑިވެލޮޕްމަންޓް ޕްލޭން" އެއް ގާއިމްކޮށްފައިވާ ކަމަށާއި އެ ޕްލޭންގެ ދަށުން ރީޖަނަލް ހޮސްޕިޓަލްތަކުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ ހިދުމަތް ފުޅާކޮށް، އެ ތަންތަނަށް ރީޖަނަލް މެންޓަލް ހެލްތް ސެންޓަރުތައް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނަފްސާނީ ބަލި ޖެހޭ މީހުންގެ ތެރޭގައި ހިމެނެނީ ދުވަސްމީހުންނާއި އަންހެނުން އެކަންޏެއް ނޫނެވެ. މީގެ ތެރޭގައި ފިރިހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. ނަފްސާނީ ބަލި ޖެހޭ މީހުން ގިނަ ވެގެން އަންނަ މިންވަރު ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދުން ފެންނަން އެބަ އޮތެވެ. ހަމައެއާއެކު ވެއިޓިން ލިސްޓުގައި އެތައް ބަޔަކު ތިބި އިރު މާލެއަށް ހިދުމަތް ހޯދަން ނާދެވި އެތައް ބަޔަކު ވެސް އެބަ ތިއްބެވެ.
ބަލި މީހުން އިތުރުވަމުން އަންނަ މިންވަރާ އެއްވަރަށް ފަރުވާ ދިނުން ބަލިކަށިވެފައި އޮތުމަކީ ބަލި ތަހައްމަލު ކުރާ އެތައް ބަޔަކު ފަރުވާ ނުހޯދައި ގިނަ ދުވަސްވެގެން ދާނެ ކަމެކެވެ. އަދި މި ބަލީގެ ޒާތުން ފަރުވާ ނުހޯދައި ދުވަސްވާވަރަކަށް ބަލި ތަހައްމަލު ކުރާ މީހާގެ ހާލަތު ގޯހުން ގޯހަށް ދިއުމަކީ ވެދާނެ ކަމެއް ވެސް މެއެވެ. ރަށްރަށުން ހިދުމަތް ނުލިބޭތީ މާލެއަށް އައިސް ޑޮކްޓަރަށް ނުދެއްކި އެތައް ދުވަހު ތިބެ ރަށަށް ދާން ޖެހުމާއި މާލޭގައި އެތައް ދުވަހު ތިބެ ޖީބުން އެތައް ހޭދައެއް ކޮށްގެން އުޅެން ޖެހުމަކީ މި ވަގުތު ފަރުވާ ހޯދާ ބައެއް މީހުންގެ ޝަކުވާއެވެ. މި ހާލަތު ބަދަލު ވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭ މީހުންނަށް އޮތް އުންމީދަކީ ނަފްސާނީ ބައްޔަށް ފަރުވާ ކުރުމުގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެން ދިއުމެވެ.
ރަނގަޅު ޑޮކްޓަރެއް ވެސް ނުހުރޭ