ސަލާމަތް ސިއްހަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފްސާނީ ދުޅަހެޔޮކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

މުއިއްޒު ވިދާޅުވީ، އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދޭ މީހަކަށް ވުމުގައި އިންސާނާގެ ނަފްސާނީ ގާބިލު ކަމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާބާދުތައް، ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރުވުމެވެ. ހަމައެއާއެކު ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެއްބާރުލުން ދެނިވި މަސައްކަތްތަކެއް ކުރުމެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން" މިއެވެ.