އޮގަސްޓު 14 ވަަނަ ދުވަހުގެ ރޭ މާލޭގެ ކަސްޓަމްސް ކައިރީގައި ހުންނަ މ. ހަސޯވާ ގޭގެ، 10 ވަނަ ފަންގިފިލާއިން ވެއްޓިގެން މަރުވި ވިފާގު އިބްރާހިމު އަދުނާނުގެ މަރާ ގުޅިގެން ސެންސިޓިވް ވާހަކަތަކެއް ހިއްސާ ކުރެވިފައިވާތީ އެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައާފަށް އެދިއްޖެއެވެ.
ވިފާގްގެ މަރާއެކު، އޭނާއަށް ފަރުވާ ހޯދަމުން ދިޔަ ބަލީގެ ތަފްސީލުތަކާ އެކު ޒާތީ ގިނަ މައުލޫމާތުތަކެއް އާއްމުވާ ގޮތަށް ޗެނަލް 13 އިން ވަނީ ޕްރޮގްރާމެއް ގެނެސްފައެވެ. އޭގައި، ވިފާގްގެ ދޮން ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވެއެވެ.
ފުލުހުން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިއްޔެ އެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ރާއްޖޭގައި ބްރޯޑްކާސްޓިން ޗެނަލަކުން ގެނެސްދިން ވިފާގްގެ މަރާ ގުޅިގެން ތައްޔާރުކޮށްފައިވާ ޕްރޮގްރާމާ ގުޅިގެން ހިއްސާ ކޮށްފައިވާ ދަގު މައުލޫމާތު ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ހިއްސާ ކުރެއްވި މައުލޫމާތުތަކުގެ ތެރޭގައި ވިފާގަކީ ނަފްސާނީ ބައްޔަށް ބޭސްކޮށް ތެރަޕީ ސެޝަންތައް ނަގަމުން އައިސްފައިވާ އަންހެނެއް ކަމަށް ވިދާޅުވެފައި ވެއެވެ. 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއިންނާއި އިންޑިއާއިން އަދި ޔޫކޭއިން ވެސް އޭނާއަށް ވަނީ ނަފްސާނީ ބައްޔަށް ބޭސްކޮށްފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވިފާގްގެ ފަރާތުން ފެނިފައިވާ ނަފްސާނީ އެތައް ކަމެއް ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަށް މަސައްކަތް ކުރި ކަމާއި، މައިންބަފައިންނާ ދެބަސްވެ ހަމަނުޖެހުނ ކަމާއި، އެއްފަހަރު ގެއިން ނިކުމެގެން ގޮސް އާއިލާއަށް ހަބަރު ނުވެގެން ރިޕޯޓް ކުރި ހާދިސާއެއް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ތަހުލީލު ކުރި އިރު، އޭނާއަކީ ބިކުރުވެރި އަންހެނެއް ކަމަށާއި އެއްވެސް އިރަކު ޖިންސީ ގޯނާއެއް ލިބިފައިނުވާ ކަން ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މިއަދު ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އިއްޔެގެ ޕްރެސް ބްރީފިންގައި އެ މައުލޫމާތުތައް ހާމާކޮށްފައި ވަނީ ވިފާގްގެ މަންމަ އާއި ބައްޕަ އަދި އާއިލާއަށް އެނގިގެން ކަަމަށެވެ. ނަމަވެސް އެ ޕްރެސްގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތަށް ގެނެސްދެވިފައިވާ ކަން ގަބޫލުކުރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެކަމަށް މައާފަށް ވެސް ވަނީ އެދިފައެވެ.
ފުލުހުން މައާފަށް އެދިފައި މި ވަނީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންު ކުރި މައުލޫމާތުތަކާ ގުޅިގެން އެތައް ބަޔަކު ފާޑުކިޔުމާ އެކީގައެވެ. އެގޮތުން މީގެ ކުރިން ވެސް މަރުގެ އެތައް ކޭސްއެއް ތަހުގީގު ކޮށް ފުލުހުން މައުލޫމާތު އާންމު ކުރި ކަމުގައި ވީ ނަމަވެސް މިހާ ތަފްސީލުކޮށް މައުލޫމާތު އާންމު ނުކުރާ ކަމަށް އާންމުން ބުނެފައި ވެއެވެ. އަދި މިގޮތަށް މި މައުލޫމާތު އާންމު ކުރުމުގައި ސިޔާސީ ނުފޫޒެއް ހިމެނޭ ކަމަށް ވެސް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންގެ ހިދުމަތަށް އަމާޒުވެފައެވެ.
އެހާ ގިނަ ތަފްސީލްތައް އެފަދަ މަރުގެ މައްސަލައެއްގައި އާންމު ކުރުމަކީ ފުލުހުން ކުރާ ކަމެއް ނޫން ކަން ފާހަގަ ކުރައްވައި ޝިފާއު އިއްޔެ ވިދާޅުވެފައި، އެ މިންވަރަށް އެ މައުލޫމާތުތައް އާއްމުކުރަން ޖެހުނީ ޓީވީ ޗެނަލަކުން ދެއްކި ދޮގު ވާހަކަތަކަކާ ގުޅިގެން ކަމަށެވެ. އެހެން ނޫން ނަމަ އެ ވާހަކަތައް އާންމު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.