މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެނަމަ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ، މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެން ދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ނާޒިމް ވިދާޅުވީ ނަފްސާނީ ސިއްހަތާ ގުޅޭ ކަންކަމަށް ހޭދަކޮށް އިންވެސްޓް ކުރުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމަށެވެ.
އެގޮތުން މުވައްޒަފުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި މަސައްކަތު މާހައުލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދީ، ވަޒީފާގެ މަގުސަދުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނަފްސާނީ ބަލީގެ ހާލަތު ރާއްޖޭގައި ވެސް އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރިވަމުންދާކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ ނަފްސާނީ ސިއްހަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫންކަމަށެވެ. އަދި ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖްތަމައު އެކަމަށް ހޭލުންތެރިވެ ނަފްސާނީ ބަލިކަމާ ދެކޮޅަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭ ކަމަށެވެ. އަދި ނަފްސާނީ ބަލިތަކަށް ކުރިއާލާ ރައްކާތެރި ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުންނަ ގިނަ ގޮންޖެހުންތަކުގެ އިތުރުން ބޮޑު ހޭދައެއް ކުރަންޖެހޭކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ނަފުސާނީ ބަލިތަކާ ހާލަތްތަކުގެ ސަބަބުން، އެއްގޮތަކަށްވެސް މަސައްކަތް ނުކުރެވުމާއި ގަވާއިދުން މަސައްކަތުގައި ޝާމިލުނުވެވުމުގެ ސަބަބުން އާއިލާތަކަށް ލިބޭ އާމްދަނީއަށާއި އަދި ގައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އެތައް އަސަރު ކުރާކަން ވެސް ނާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.
މި އަހަރު ނަފްސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވަނީ "މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން" އެވެ.