އެޗްޑީސީގެ ނަމުގައި އާންމުންނަށް އެއްވެސް މެސެޖެއް ނުފޮނުވާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން ބުނީ، އެކޯޕަރޭޝަންގެ ނަމުގައި އޮޅުވާލާއި އާންމުންނަށް ގިނަ އަދަދެއްގެ ޓެކްސްޓް މެސެޖްތަކެއް ފޮނުވަމުން ދާ ކަން އެނގިފައި ވާ ކަމަށެވެ.

މި މެސެޖްތަކުގައި "ހިޔާ ސޭފްޓީ ޕޯޓަލް" އަށް ވަނުމަށް ލިންކްތައް އާންމުންނަށް ފޮނުވަމުން ދާ ކަމަށާއި ނަމަވެސް، އެ ކޯޕަރޭޝަންގެ ފަރާތުން މި ނަމުގައި އެއްވެސް މެސެޖެއް އާންމުންނަށް ނުފޮނުވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި "ހިޔާ ސޭފްޓީ ޕޯޓަލް" ނަމުގައި އެއްވެސް ޕޯޓަލްއެއް ހިޔާގައި ދިރިއުޅޭ ރައްޔިތުންނާ މުއާމަލާތް ކުރުމަށް ބޭނުން ނުކުރާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ އެކޯޕަރޭޝަންގެ ނަމުގައި ފޮނުވާ މެސެޖްތަކަށް ސަމާލުކަން ދީ އެއްވެސް ލިންކް އަކަށް ނުފިތުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

އަދި މިފަދަ މެސެޖެއް ލިބިއްޖެނަމަ، ލަސްނުކޮށް 3353535 އަށް ގުޅާ އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.