ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީ އަހުމަދު އާތިފް މިއަދު ހަމަޖައްސައިފިއެވެ.

އެޗްޑީސީގެ ޑެޕިއުޓީ އެމްޑީގެ މަގާމަށް އާތިފް ހަމަޖައްސާފައިވަނީ މާޗު 6، 2019 ގައެވެ. އަދި މިއަދު އެ ކުންފުނީގެ އެމްޑީގެ މަގާމަށް އާތިފް ހަމަޖެއްސެވީ ކުރިޣެ އެމްޑީ ސުހައިލް އަހްމަދު މިދިޔަ ހަފުތާގައި ރިޓަޔާ ކުރެއްވުމުންނެވެ.

ސުހެއިލް ރިޓަޔާ ކުރައްވާފައިވަނީ އެޗްޑީސީގެ ގަވާއިދުގައިވާ ގޮތުގެ މަތިން އުމުރުން 55 އަހަރު ވުމުންނެވެ.

އެޗްޑީސީން ބުނީ އެ މަގާމަށް ހަމަޖައްސާފައިވާ އާތިފްގެ އިރުޝާދާއި އޭނާގެ ލީޑާޝިޕްގެ ދަށުން އެކުންފުނީގެ މަސައްކަތްތައް ކުރިއަށްވުރެ ހަރުދަނާވެ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މެލޭޝިއާގެ ހާޓްފޯޑްޝަޔާ ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން ބެޗުލާސް ޑިގްރީ ހާސިލްކުރައްވައިފައިވާ އާތިފު ވަނީ އެކައުންޓިންގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައެވެ. އަދި އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ ގޮތަށް ޕަބްލިކް ސެކްޓާގެ އިތުރުން ޕްރައިވެޓް ސެކްޓާގައި ވެސް މީގެ ކުރިން އާތިފް ވަނީ މަސައްކަތް ކުރައްވާފައެވެ.