އެއް މިލިއަން ރުފިޔާގެ އިނާމު ލިބޭ އާކިޓެކްޗަރަލް ޑިޒައިން މުބާރާތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާނު ކޮށްފިއެވެ.

އެޗްޑީސީއިން ބުނީ އެ މުބާރާތުގައި ދިވެހި އަދި ބޭރުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި އެ މުބާރާތުގެ މަގުސަދަކީ ހުނަރުވެރި އަދި ގާބިލް އާކިޓެކްޓުން ވާދަކޮށްގެން، ދެމެހެއްޓެނިވި އަދި އުފެއްދުންތެރި ޑިޒައިންތަކެއް ހުށަހެޅުމުގެ ފުރުސަތު މަގުފަހިކޮށްދިނުން ކަމަށެވެ.

މި މުބާރާތުގެ ބައިވެރިވާ ފަރާތްތަކުން ސަގާފީ އަދި ޒަމާނީ ޑިޒައިން ހިމެނޭގޮތަށް "ޓޫރިޒަމް އައިލެންޑްގެ ކޮމާޝަލް ސްޕައިން"ގެ ކޮންސެޕްޓެއް އެކުލަވާލަންވާނެ ކަމަށާއި މި ކޮމާޝަލް ސްޕައިން ވެގެންދާނީ އާންމުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭ އަދި ހުސްވަގުތު ހޭދަކުރެވޭނެފަދަ ގިނަ ކުޅިވަރު ހަރަކާތްތަކެއް އެކުލެވިގެންވާ ސަރަހައްދަކަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނީ އެ މުބާރާތަކީ 1 މިލިއަން ރުފިޔާގެ އަގުހުރި މުބާރާތެއް ކަމަށާއި އެގޮތުން ކޮންސެޕްޓް މަރުހަލާގައި 1 ވަނައަށް ދާ ފަރާތަކަށް 200،000 ރުފިޔާ، 2 ވަނައަށް ދާ ފަރާތަކަށް 30،000 ރުފިޔާ އަދި 3 ވަނައަށް ދާ ފަރާތަކަށް 20،000 ރުފިޔާ އިނާމުގެ ގޮތުގައި ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން އެ މުބާރާތުން 1 ވަނައަށް ހޮވޭ ފަރާތަކުން ހުށަހަޅާ ކޮންސެޕްޓުގެ ޑީޓެއިލްޑް ޑިޒައިން ކުރެހުންތައް ތައްޔާރުކުރުމުގެ ފުރުސަތު އެފަރާތަކަށް ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި ޑީޓެއިލްޑް ޑިޒައިން ފުރިހަމަ ކުރުމުން އެ ފަރާތަކަށް 750،000 ރުފިޔާ އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެޗްޑީސީގެ ކޮމްޕެޓިޝަން ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެޗްޑީސީއިން އިތުރަށް އެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހަށް ކަމަށެވެ.