ހިއުމެނިޓޭރިއަން ޑޭ 2022 އާ ގުޅިގެން އެޗްޑީސީ އިން ހާއްސަ ހަރަކާތެއް ބާއްވާފިއެވެ.
އެޗްޑީސީން ބުނީ މިފަހަރުގެ ހިއުމެނިޓޭރިއަން ޑޭ ގެ ތީމަކީ "އިޓް ޓޭކްސް އަ ވިލެޖް" ކަމަށެވެ. މި ތީމާއި ގުޅުވައިގެން އެޗްޑީސީގެ ފަރާތުން މިއުރަލް ކުރެހުމެއް (އާންމު ތަކެއްގައި ހުންނަ ފާރެއްގައި ކުރަހާ ކުރެހުމެއް) ކުރަހާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
މިފަހަރުގެ މި ތީމާއި ގުޅުވައިގެން މި ކުރެހުމުން ދައްކައި ދެނީ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުން ރައްޔިތުންގެ ގުޅުމާއި ހިއްވަރާއި އެއްބައިވަންތަކަން އާލާކޮށްދޭ ކަމެއް ކަމަށާއި .މި ކުރެހުން ކުރަހާފައި ވަނީ، ކޮމާޝަލް ބްލޮކް ޑީ ގެ ބަސް ސްޓޭޝަން ކައިރީ ހުންނަ ފާރުގައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މިއީ، ގިނަ ބަޔަކު އެއްވާ ތަނަކަށް ވުމާއިއެކު، މި ތަނުގައި މި ކުރެހުން ބެހެއްޓުމުން ގިނަ ބަޔަކަށް މިކުރެހުން ފެނިގެންދާނެ ކަމަށެވެ. މި ކުރެހުން ކުރަހާފައިވަނީ އެޗްޑީސީގެ ލީޑް އަރބަން ޑިޒައިނާ މުހައްމަދު ރައްޒާން ކަމަށް އެޗްޑީސީން ބުނެއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައިވެސް އެޗްޑީސީގެ ފަރާތުން އެކި ތީމްތަކަށް ހަރަކާތްތަކެއް ބާއްވާފައިވާ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.. މިފަދަ ހަރަކާތްތަކުން ޒުވާނުންގެ ފޯރިއާއި ޖޯށު އާލާވެގެންދާނެ ކަމަށާއި އެޗްޑީސީގެ ފަރާތުން މިހާރުވެސް ދަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވާފައިވާ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްދާ ކަންތައްތަކުން މުޖުތަމައުގައި އުފާވެރި މައުހައުލެއް ބިނާވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.