ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާ 74 ބިމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 11 އަދި 12 ވަނަ ދުވަހު އޮންނާނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ކުރި އިރުލާނުގައި ބުނީ، ހުޅުމާލޭގައި އަލަށް އާބާދުވަމުން އަންނަ ދެ ވަނަ ފިޔަވަހިން 74 ބިމެއް ވިއްކަން ހަމަޖެހިފައިވާ ކަމަށާއި އެއީ ބީޗު ފްރަންޓުން ވިއްކާ 22 ބިމާއި، ބީޗު ސައިޑުން ވިއްކާ 52 ބިމެއް ކަމަށެވެ. ބީލަމުގެ އުސޫލުން ހުޅުމާލޭން ވިއްކަން ނިންމާފައި ވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ޖުމްލަ 74 ބިން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ބިން ގަތުމަށް ހުށަހަލާފަރާތްތަކުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެއިން 74 ބިމެއް ވިއްކަން ނިންމާފައިވާ އިރު، ބީލަމަށް އެދޭ ފޯމު ވިއްކާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ބީލަން ފޯމް ލިބޭނީ އެޗްޑީސީގެ ރިސެޕްޝަނުންނެވެ. ބީލަން ފޯމު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 11 އަދި 12 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުނެއެވެ.

ބީލަމުގެ އުސޫލުން ގޯތި ގަތުމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހެއެވެ. ހަމައެއާއެކު މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ، ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތް މީހަކަށް ވުން ހިމެނެއެވެ. އަދި ބިމަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނުވުމާއި، އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުން ވެސް ހިމެނެއެވެ. މީގެ އިތުރުން ބީލަމުގައި ބިމެއް ގަނެ، އެހެން ފަރާތެއްގެ ނަން މައްޗަށް ބިން ބަދަލުކޮށްފައި އޮތް ފަރާތަކަށް ވެސް މި ބީލަމުގައި ބައިވެރި ނުވެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ބިމަށް ބީލަން ހުށަހަލާ އިރު، ހުށަހެޅޭނެ އެންމެ ދަށް އަގުތައް އެޗްޑީސީން ހާމަކޮށްފައި ވާއިރު، އަތިރިމައްޗާ ކުރިމަތިން (ބީޗް ފްރަންޓް) ބިމަށް އެދޭ އިރު ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 6500 ރުފިޔާއެވެ. އަދި އަތިރިމައްޗާ ކައިރިން (ބީޗް ސައިޑް) ބިމަށް އެދޭ އިރު ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 5500 ރުފިޔާއެވެ.