ހުޅުމާލޭގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި އެޗްޑީސީ އަށް ނަގާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އެޗްޑީސީން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ތިން މަޝްރޫއެއް ކަމަށްވާ ހާބަރު 1، ހާބަރު 2، އަދި ޗެނަލް 2، އެ ތިން މަޝްރޫއު ފެށުމަށްޓަކައި ބިންތައް ހުސްކޮށް ކޮންޓްރެކްޓަރާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން:

  • ހުޅުމާލޭގެ ހުސް ބިންތަކުގައި އެޗްޑީސީގެ ހުއްދަނެތި ގަވައިދާ ހިލާފަށް ތަކެތި ބެހެއްޓުން މަނާ
  • އެގޮތަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތްތަކުން މި މަހު 27 ގެ ކުރިން އެ ތަކެތި ނަގަން ޖެހޭ

އެކަމަކު ބައެއް ފަރާތްތަކުން ބިންތައް ހުސްކޮށްފައި ނެތް ނަމަވެސް، އެ މަޝްރޫއުތައް ފެށުމަށްޓަކައި މި މަހުގެ 25 އިން ފެށިގެން ބިންތައް ސާފުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އެހެންކަމުން މި އިއުލާން ހަރުކޮށްފައިވާ ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި އެ ދުވަހުގެ ކުރިން ނަގައި ބިންތައް ހުސްކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އަދި އެ ތާރީހުގެ ފަހުން އެ ބިންތަކުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، އެ ކޯޕަރޭޝަނުން ފެންނަ ގޮތަކަށް އެ ތަކެއްޗާ މެދު އަމަލުކުރަމުން ދާނެ ކަމަށާއި އެ ތަކެއްޗަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.