ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައި ޖެހުން ފިޔަވާ އިތުރު މޮޅު ކަމެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމު ގެންނެވުމުގައި މިނިސްޓަރު ފައްޔާޒްގެ ތާއީދު ވެސް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

އިމްރާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ މި ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށާއި ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުން ހާލުގައި ޖެހުން ފިޔަވާ އިތުރު މޮޅެއް ކަމެއް ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަށް މަސައްކަތްކުރައްވާ ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށާއި ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ކަމަށް ފާސްވެއްޖެނަމަ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ފައްޔާޒު ވަނީ އޭނާއަކީ ފެށުނީއްސުރެ ދިވެހި ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމް ކަމަށް ތާއީދުކުރައްވާ މީހެއް ކަމަށް ވިދާޅުވެފައެވެ.