ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކެމްޕެއިންނަށް ވަޑައިގަތުމުން، އަވަހާރަ ކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މަތިން ހަނދާން ކޮށްދިނުމުން ހަޖޫ ޖައްސަވައިފިއެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އިމްރާން ނިކުންނަވައިގެން އުޅުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯގައި ފެންނަނީ މީހަކު އަފްރާޝީމްގެ މަރާ ގުޅޭ ޑޮކިއުމަންޓް މަތިން ހަނދާންކޮށްދިނުމަށް ގަނޑެއް ހިފައިގެން އޭނާ އިމްރާންގެ ކައިރީގައި ހުންނަތަނެވެ.
އެ ވީޑިއޯގައި އެ މީހާ ވަނީ އިމްރާން ހެއްދެވީ ހުސް ދޮގު ކަމަށާއި އަސްލު މިއީ އިމްރާންމެން ސަރުކާރުގައި ކުރި ވަރަށް ހަޑިކަމެއް ކަމަށް ބުނެފައެވެ. އަދި އެއްވެސް އެއްޗެއް ނުފެނުނު ކަމަށާއި އިމްރާން ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު 'ތިޔައިން އެއްކަމެއްވެސް ނުއެއް ކުރެވުނު' ކަމަށް އެ މީހާ ވަނީ ބުނެފައެވެ.
އެއާއެކު އެ ގަނޑު އެ މީހާ އަތުން ނެންގެވުމަށް ފަހު އެއަށް ބައްލަވާލައްވައިފައި އިމްރާން ވިދާޅުވީ 'އަސްލު ހީކުރީ އެ ގަނޑުގައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފޮޓޮއެއް' ކަމަށެވެ.
2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އެކި ގޮތްގޮތަށް އިމްރާން ވަނީ މީގެ ކުރިން ވާހަކަ ދައްކަވާފައެެވެ.
އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި އިމްރާން ވިދާޅުވީ ހުމާމް އިއުތިރާފު ނުވެ ޖަލުގައި ހުރެ އެމްޑީޕީގެ މީހުންނާ ގުޅުން ބޭއްވި ކަމަށާއި އެމްޑީޕީއަށް މިކަމުން ބޯދަމައިގަނެވޭނެ ހަމަ އެއް ގޮތެއް މިދުނިޔެއަކުން ނުފެންނާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ހުރިހާ ޒިންމާއެއް އެމްޑީޕީގެ އެންމެ މަތީ ފަރާތްތަކުން ނަގަން ޖެހޭކަމަށް އެންމެން އިއުތިރާފް ވާނެ ކަމަށް އިމްރާން އޭރު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ އިންތިހާބަށް ފަހު އިމްރާން ވަނީ އަފްރާޝީމްގެ މަރުގެ ތުހުމަތުތައް ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވާފައެވެ. އެގޮތުން އިމްރާން ވިދާޅުވީ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ކުރެވުނީމައި ހަގީގީ ގާތިލުން ހޯދަން ފަސޭހަވާނެ ކަމަށް ޔާމީންގެ އަމިއްލަ ދޫފުޅުން އެތައް ފަހަރަކު ވިދާޅުވި ކަަމަށް އިމްރާން ވިދާޅުވެއެވެ. އަދި ކަރުދާސްތަކެއް ހޫރުވަމުން 'މިއަދު ޑޮކިއުމެންޓްތައް އެބަހުރި ކަމަށް' އިމްރާން ވިދާޅުވިއެވެ.
އިމްރާން ހޯމް މިނިސްޓަރު ކަމަށުގައި ހުންނެވިއިރު އެފަދަ މައްސަލައެއްގައި މަގާމުން ވަކިކުރަންވެސް މަޖިލީހަށް ހުށަހެޅިއެވެ. އެ މައްސަލާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާބެހޭ ލިޔެކިޔުމާއި ހެކިތައް ފުލުހުން ގެންގޮސްފައިވާ ކަމަށާއި އެ ލިޔެކިޔުމާއި ހެކިތައް އެ ގެންދިޔަ ފުލުހުންނަށް އެނގޭނެ ކަމަށް އިމްރާން ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އަފްރާޝީމް އާއި ރިލްވާންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޔާންކުރި ލިޔެކިޔުންތަކާއި ހެކިތައް ފުލުހުން ގެންދިޔަ ކަމަށް ވިދާޅުވެފައިވާ ލިޔެކިޔުންތަކާއި ހެކިތަކަކީ އަސްލު އެއްޗެއް ނޫން ކަމަށް އިމްރާން ވިދާޅުވެފައި ވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެފައި ވެއެވެ.
މަރުތައް ތަހުގީގުކުރަން މިދިޔަ ސަރުކާރުގައި ވަކި ކޮމިޝަނެއް ހަދައިގެން މަސައްކަތް ފެށި ނަމަވެސް އެކަމުން އެދެވޭ ނަތީޖާއެއް ނުފެނި ތަހުގީގުތަކަށް ކުރިއެރުމެއް ލިބުނުތަނެއްވެސް ފެނިފައެއް ނުވެއެވެ. އަދި އެއަށްފަހު އެ ކޮމިޝަނެއްވެސް މިހާރަކު ނެތެވެ.