މަކުނުދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީއަށް ނާކާމިޔާބުވެ ވަޑައިގެންފިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުންނަކީ ޕީއެންސީގެ ކެންޑިޑޭޓް އާދަމް ޝަފީގާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓް އިމްރާން އަބްދުﷲގެ އިތުރުން ރާއީއެވެ.

ބޮޑު ފަރަގަކުން އާދަމް ޝަފީގު އިންތިހާބު ކާމިޔާބު ކުރައްވާފައި ވާއިރު އޭނާގެ އަނބިކަނބަލުން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވަނީ ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބުކުރައްވާފައެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓަކު ވާދަކުރެއްވި ނަމަވެސް ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ. އެގޮތުން މާލެ ސިޓީ އާއި އައްޑޫ ސިޓީއިން ޕީއެންސީއަށް މެޖޯރިޓީ ލިބިފައިވާ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއިން ވަނީ ކާމިޔާބުކޮށްފައެވެ.

ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބިފައިވާއިރު އެމްޑީޕީގެ ގިނަ ދުވަސްވީ މެންބަރުގެ ގޮނޑިތައް ވަނީ ގެއްލިފައެވެ.