ހުޅުމާލެގައި އަންހެނުންނަށް ޙާއްސަކޮށްގެން "ވެލްނެސް ފޮ ވިމެން" ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ބުނީ، މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 18 އިން މިމަހު 19އަށް ކަމަށެވެ. މިއީ، އެޗްޑީސީ އާއި ޝަލޫ ދި ޓްރެއިނާ އާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މި ހަރަކާތް ބޭއްވުމުގެ މަގްސަދަކީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާއި ރައްޔިތުން ވީހާވެސް ބޮޑަށް ހޭލުންތެރިކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި ހަރަކާތުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަނަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި މި ލިންކް މެދުވެރިކޮށް ރެޖިސްޓާ ކޮށްލެވޭނެ ކަމަށެވެ. އަދި އެއްވެސް ފީ އަކާއި ނުލާ ހުރިހާ އުމުރުފުރައެއްގެ އަންހެނުންނަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މިގޮތުން، މި މަހުގެ 18 ވަނަ ދުވަހު ވޯކްޝޮޕް އަދި އެވެއާނެސް ސެޝަންއެއް ހުޅުމާލެގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސިއްހަތައް ފައިދާ ހުރި ކެއުންތަކާއި މާބަޑު މީހުންގެ ސިއްހަތާއި އަދި އަންހެނުންނާއި ގުޅުންހުރި ގިނަ ކަންތައްތަކުގެ މައުލޫމާތު މި ސެޝަންގައި ކުރިޔަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، މި މަހުގެ 19 ވަނަ ދުވަހު އަންހެނުންނަށް ހާއްސަކޮށްގެން ބޫޓް ކޭމްޕެއް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިޔަށް ގެންދިޔުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އެދި ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހު 17 ވާ ބުދަ ދުވަހުގެ 18:00 ގެ ނިޔަލަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ގަބޫލުކުރާ ގޮތުގައި، މިފަދަ ހަރަކާތްތައް ބޭއްވުމުން ރައްޔިތުންގެ ގުޅުން ބަދަހިވެ، އާންމުންގެ ސިއްހީ މައުލޫމާތު މުއްސަދިވެގެން ދިޔުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް މިފަދަ ހަރަކާތްތައް ވީހާވެސް ގިނައިން ބޭއްވުމަށް އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.