ދިވެހި ޒުވާނުންގެ އާބާދީ އަށް ވުރެ ރާއްޖޭގައި ބިދޭސީ ޒުވާނުން ގިނަ ކަމަށް ދައްކައިފިއެވެ.

ދުނިޔޭގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އިއްޔެ ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު، ރާއްޖޭގެ 579،330 މީހުންގެ ތެރެއިން 45 ޕަސެންޓު ނިސްބަތްވަނީ ޒުވާނުންނަށެވެ.

ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. ނަމަވެސް އެހެނިހެން ގައުމުތަކުގައި 15 އަހަރުން މަތީގެ މީހުން ޒުވާނުންގެ ގޮތުގައި ބަލައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ރާއްޖޭގައި 258،923 މީހުންނަކީ ޒުވާނުން (ޖުމްލަ އާބާދީގެ 45 ޕަސެންޓު)
  • އޭގެ ތެރެއިން 53 ޕަސެންޓު ޒުވާނުންނަކީ ބިދޭސީން
  • 15 އަހަރާއި 24 އަހަރާ ދެމެދުގެ 97،039 ބިދޭސީން ރާއްޖޭގައި އާބާދުވެފައިވޭ

މި އަހަރުގެ ޒުވާނުންގެ ދުވަސް އިއްޔެ ފާހަގަކޮށްފައި ވާއިރު، މި އަހަރުގެ ޝިއާރަކީ "ޖީލްތަކުގެ މެދުގައި އެއްބައިވަންތަކަން" އެވެ.

ރައްޔިތުންގެ މަޖިލީހަށް ސެމްޓެމްބަރު 13، 2021 ގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދެއްވި މައުލޫމަތުން އެނގޭ ގޮތުގައި ރާއްޖޭގައި 281،000 ބިދޭސީން އެބައުޅެއެވެ. އޭގެ ތެރެއިން 63،754 މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ އަދި ރަނގަޅަށް ސާފު ނުވާ ހިސާބުތައް ހިމަނައިގެން ބަންގްލަދޭޝް މީހުންގެ އަދަދު އެއް ލައްކަ އަށް ވުރެ ގިނަ ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީން ގިނަވެފައި ވާއިރު، އުނގު ވިޔަފާރިއާއި، ގެދޮރު އިމާރާތް ކުރުމާއި، ގެސްތްހައުސް ހިންގުމާއި، ޕްރައިވެޓް ވެހިކަލް ދުއްވުމާއި ޑޮލަރު މާރުކުރުމާއި މިނޫންވެސް އެތައް ކަމެއް ފުޅާދާއިރާއެއްގައި އެމީހުން ކުރެއެވެ. އަދި ވައްކަމާއި މާރާމާރީއާއި، ފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ތަކުރާރު ކޮށް ކުށްތަކަށް އަރައިގަންނަ ބިދޭސީންވެސް ބައިވަރެވެ.

"ދަ ޕްރެސް" އަށް ސާފުވެފައި ވާގޮތުން، ތަކުރާރު ކޮށް ކުށް ކޮށްގެން ކޮންމެ ހަފްތާއަކުހެން ފުލުސް އޮފީހަށް ހާޒިރު ކުރާ ބިދޭސީން އެބަ ތިއްބެވެ. ނަމަވެސް އެމީހުން ބައިތިއްބާނެ ތަނެއް ނެތުމާއި، ގާނޫނީ ލިޔެކިޔުން ނުގެންގުޅޭތީ، އެޅެނެ ފިޔަވަޅެއް ނެތް ކަމަށް ބަލައި، އިމިގްރޭޝަނުން އެމީހުންނާ ހަވާލުވާން ދެކޮޅު ހަދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން ކަމުން މިމީހުން މުޖުތަމައަށް ދޫވެ، ކުށްތަކަށް އަރައިގަތުން ތަކުރާރު ވަމުން ދާ ކަމަށްވެސް އިތުބާރު ހުރި މަސްދަރަކުން ވަނީ ބުނެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 3 އަހަރު ބިދޭސީން ހިމެނޭ 2،016 މައްސަލައެއް ފުލުހަށް ރިޕޯޓު ކޮށްފަައި ވެއެވެ.

ފުލުހުން ބުނީ 2019، 2020 އަދި 2021 ގައި މާލެ އާއި އަތޮޅު ތެރެއިން ހުޅަހެޅި މައްސަލަތަކުގެ ތެރެއިން ބިދޭސީން އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގައި ކަމަށެވެ.

ފުލުހުން ބުނީ 2019 ވަނަ އަހަރު މާލެއިން ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ 94 މައްސަލައަކާއި އަތޮޅުތެރެއިން 51 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި 2020 ވަނަ އަހަރު މާލެއިން ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ 70 މައަސަލައަކާއި އަތޮޅުތެރެއިން 48 މައްސަލައެއް ހުށަހަޅާފައި ވާއިރު، 2019 ވަނަ އަހާރާއި އަޅާބަލާއިރު 2020 ވަނަ އަހަރު މާލެއާއި އަތޮޅު ތެރެއިން ވަނީ ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް މަދުވެފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ 39 މައްސަލަ ހުށައަޅާފައި ވާއިރު އޭގެ ތެރެއިން 30 މައްސަލައަކީ މާލެއިން ހުށައަޅާފައިވާ މައްސަލަތަކެވެ. ވޭތުވެދިޔަ 3 އަހަރަށް ބަލާއިރު ބިދޭސީން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް އަންނަނީ އަހަރުން އަހަރަށް މަދުވަމުންނެވެ.