އިންޓާނޭޝަނަލް ޔޫތް ޑޭ 2022 އާ ގުޅިގެން އެޗްޑީސީއިން ވަނީ "ހިއާ ދި ޔަންގް" ގެ ނަމުގައި މޫވްމެލަންޓެއް ފަށައިފިއެވެ.
އެޗްޑީސީން ބުނީ މިމޫވްމަންޓް މިއަދުން ފެށިގެން ކުރިޔަށް ދާނެ ކަމަށެވެ. މިއީ، ޒުވާނުންގެ ވާހަކަތައް އަޑުއަހާ ޒުވާނުން ކަންބޮޑުވާ ކަންތައްތައް ދެނެގަނެ އެކަންތައްތައް ހައްލުކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ހަރަކާތެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މި މޫވްމަންޓްގައި އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާން ކުދިންނަށް ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން، ވީޑިއޯ އެއް (#HearTheYoung) ހޭޝްޓެގް ބޭނުންކޮށްގެން ކޮންމެ ޒުވާނަކު ވެސް އެ ފަރާތެއް ކަންބޮޑުވާ ކަމެއް ހާމަކޮށް އެ ވީޑިއޯ ސޯޝަލް މީޑިޔާ ޕްލެޓްފޯމަށް އަޕްލޯޑްކުރެވޭނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
އެޗްޑީސީން ބުނީ ސްކޮލަޝިޕް މަދުވުމާއި، ކުޅިވަރު ކުޅުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާއި، އިންޓާންޝިޕް ނުވަތަ އެޕްރެންޓިސްޝިޕްގައި ހުރި ދަތިތައް ފަދަ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދައްކާނެ ކަމަށެވެ.
މިފަދަ ފުރުސަތުތަކުގައި ޒުވާނުން ބައިވެރިވުމުން މުޖުތަމައިގައި ދިމާވާ ކަންތައްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ މިފަދަ ކަންތައްތަކަށް އެއްބާރުލުންދިނުމުން މުޖުތަމައުގައި އުފެއްދުންތެރި ޒުވާނުން އުފެއްދިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.