"ވޯލްޑް ނޯ ޓޮބޭކޯ ޑޭ 2022" އާއި ގުޅިގެން ހުޅުމާލެގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ދުންފަތް ވިއްކާ ގޮތް ބަލާ އިންސްޕެކްޓް ކުރަން އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން ބުނީ، މި އިންސްޕެކްޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 9 އިން ފެށިގެން މިމަހު 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިއީ، އެޗްޕީއޭ އާއި ހުޅުމާލެ ހޮސްޕިޓަލް އަދި އެޗްޑީސީ ގުޅިގެން ކުރިޔަށް ގެންދެވޭ ހަރަކާތެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ރޭވި އެންމެ ބޮޑު އެއް މަގްސަދަކީ، ހުޅުމާލެގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން މުޖުތަމައުގައި ދުންފަތް ބޭނުންކުރާ މިންވަރު މަދުކޮށް، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ރައްޔިތުން ހޭލުންތެރިކޮށްދިނުމަކީ ވެސް މި ހަރަކާތް ރޭވި އެއް މަގުސަދު ކަމަށް އެޗްޑީސީން ބުނެއެވެ.

މިގޮތުން، މި އިންސްޕެކްޝަން ތެރެއިން ހުޅުމާލެގައި ދުންފަތް ވިއްކާ ފިހާރަތަކާއި ކެފޭ ފަދަ ތަންތަން ބަލާ، ދުންފަތް ވިއްކާ ފަރާތްތަކަށް ނަސޭހަތްތެރިވަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.