އިސްރައްވެހިންނަށް ދުޅަހެޔޮ ސިއްހަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެޗްޑީސީން "ދޮށީ އުމުރާއި ސިއްހަތު" ގެ ނަމުގައި މަންސައެއް ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މިއީ، އެޗްޑީސީ އާއި ހުޅުމާލެ ހޮސްޕިޓަލް އާއި ކޮމިއުނިޓީ ނާސް ވޮލުންޓިއާރސް އަދި ޝާލޫ ދި ޓްރެއިނާ ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ. މި ޕެނަލް ޑިސްކަޝަންގައި ހަކުރުބަލި އާއި ލޭމައްޗައް ދިޔުމާއި ކޮލެސްޓްރޯލް އަދި ދޮށީ އުމުރުގެ ފަރާތްތަކުގެ ކެއުންބުއިމުގެ އާދަކާދައާއި ކަސްރަތުގެ މުހިއްމުކަމާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލެ ހިޔާ ޕާކް ސަރަހައްދުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މި ހަރަކާތް ކޮންމެ މަހަކުވެސް އެޗްޑީސީއިން އިސްނަގައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތުގެ އެންމެ ބޮޑު އެއް މަގްސަދަކީ، އިސްރައްވެހިންގެ ގުޅުން ބަދަހިކޮށްދީ ސިއްހީ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ ރައްޔިތުން ވީހާވެސް ބޮޑަށް ހޭލުންތެރިކުރުން ކަމަށެވެ.

މީގެއިތުރުން، މިތަނުގައި ހުންނަ ސްޓޯލްތަކުން ލޭގެ ޕްރެޝާ ޗެކް ކުރުމާއި ހަކުރު ޗެކް ކުރުން އަދި ސިއްހީ ގިނަ މައުލޫމާތުތަކެއް ބައިވެރިންނާއި ހިއްސާކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އޮށްވަޅުގޮނޑި ފަދަ ގިނަ ކުޅިވަރުތައް ވެސް ކުރިޔަށް ގެންދާނެ ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މަންސަ އަކީ އެޗްޑީސީގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ކަމަށްވާ ހޭޑި ފޭޑި ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ތައާރަފްކޮށްފައިވާ ޓޯކް ޝޯ ސީރީސްއެކެވެ.

އެޗްޑީސީން ބުނީ، މަންސަ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށްޓަކައި އެ ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ. އަދި އެހެން ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުންނާއިއެކު ރައްޔިތުންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ހޭޑިފޭޑި ޕްރޮގްރާމުގެ ދަށުން ތައާރަފުކުރި މަންސަ މަޝްރޫއުގެ ބައެއް ކަމަށް އެޗްޑީސީން ބުނެއެވެ.